ވިޔަފާރި

މެދުއިރުމަތިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ރާއްޖެއިން އޭޓީއެމް ފެއަރއަށް


މެދު އިރުމަތީގެ އެންމެ މަގުބޫލް ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ފެއާރ ކަމުގައިވާ އަރަބިއަން ޓްރެވެލް މާކެޓް (އޭ.ޓީ.އެމް)ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ދުބާއީގައި ކުރިއަށްދާ މި ފެއާގައި މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން،އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަފާތު 37 ޓުއަރިސްޓް ފެސިލިޓީ ތަމްސީލްކުރާ 69 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިފެއާރގައި ރާއްޖެ ތަމްސީލްކުރުމަށް، 420 އަކަފޫޓުގެ ސްޓޭންޑެއްގައި ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު ކަންތައްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެއަރގެ ތެރެއިން ބައްދަލުވުންތައް ކުރިއަށްގެންދަނީ އެމްއެމްޕީއާރުސީން ކަނޑައަޅާފައިވާ ސިއްހީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން ރާއްޖޭގެ ސްޓޭންޑުގައި ވަނީ ސްޓޭންޑަށް އެއް ފަހަރާ ގިނަ މީހުން ޒިޔާރަތްކުރުން ކޮންޓްރޯލް ކުރުމުގެ އިންތިޒާމްގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން ގަވާއިދުން ސްޓޭންޑް ސެނިޓައިޒް ކުރާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

އޭޓީއެމްގެ ލައިވް އިވެންޓް ކުރިއަށްދާނީ ދުބާއީގައި މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މަހު 20 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ވަރޗުއަލް ކޮމްޕޮނެންޓެއް ވެސް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އޭ.ޓީ.އެމް އަކީ ކޯވިޑް-19 ބަލިމަޑުކަމަށްފަހު މެދުއިރުމަތީގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއާއެވެ.

މެދުއިރުމަތީ މާކެޓަކީ ތާރީހީގޮތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެކެވެ. އެހެންކަމުން އެމްއެމްޕީއާރުސީން އަންނަނީ މެދުއިރުމަތީ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އޭ.ޓީ.އެމް ފެއާގެ އިތުރުން މިމަހު 17 ވަނަ ދުވަހު ދުބާއިގައި އެމްއެމްޕީއާރުސީން ޕްރެސް ކޮންފަރެންސްއަކާއި ރޯޑް ޝޯއެއް ބާއްވާނެއެވެ.

މިދިޔަ އަހަރު މެދުއިރުމަތިން 26288 ފަތުރުވެރިން ވަނީ ދިވެހި ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި ބޯޑަރު ހުޅުވުމާއެކު ދިވެހިރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ގިނަ އަދަދެއް ނިސްބަތް ވަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 418579 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން 7729 ފަތުރުވެރިންނަކީ މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނެވެ.