ތަޢުލީމު

ސާނަވީ އިމްތިޙާނުގެ ނަތީޖާ ދަށް ކުދިންނަށް އިތުރު ފުރުސަތެއް ދެނީ


ޖީސީއީ އޯލެވެލް އިމްތިޙާނުން އެންމެ އެދެވޭ ނަތީޖާ ޙާސިލްނުކުރެވޭ ދަރިވަރުންނަށް ސްކޫލްތަކުގައި އިތުރު 6 ނުވަތަ 8 މަސް ދުވަހުގެ ފުރުސަތެއް 2016 އިން ފެށިގެން ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިޙާމް ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ތައުލީމުގެ މެނިފެސްޓޯ ތަންފީޒުކޮށް، މިނިސްޓްރީން ހޯދާފައިވާ ކާމިޔާބީތަކާއި ގުޅޭ ގޮތުން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުންނެވެ.ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިޙާމް ވިދާޅުވީ، ޖީސީއީ އޯލެވެލް އިމްތިޙާނުން އެންމެ އެދެވޭ ނަތީޖާ ޙާސިލްނުކުރެވޭ ދަރިވަރުންނަށް ސްކޫލްތަކުގައި އިތުރު ހަމަސް ނުވަތަ އަށް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގައި އެގޮތަށް އަމަލުކުރަން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ސްކޫލް ނިންމުމަށްފަހު 18 އަަހަރު ވަންދެން ސްކޫލްގެ ތެރެއިން އެކުދިންނަށް ހިންގޭނެ ޕްރޮގްރާމްތަކާއި ގުޅޭ މުހިންމު މަސައްކަތްތަކެއް ކުރެވުމުންދާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައިއެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ތައުލިމީ ސިޔާސަތުގެ ތެރެއިން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ޙާސިލްކުރައްވާފައިވާ ކަމަށެވެ. ތައުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ ކުއްޖަކުވެސް ބާކީ ނުކުރާ ސިޔާސަތުގެ ދަށުން، ކޮންމެ ސްކޫލެއްގައިވެސް މާއްދާއެއްގެ ގޮތުގައި އަރަބި ބަސް ކިޔަވައިދޭން ހަމަޖައްސައި ސްކޫލްތަކުގައި އަރަބި ބަސްކިޔަވައިދޭނެ އުސޫލެއް 2014 ވަނަ އަހަރު ތަންފީޒުކުރަން ވަނީ ފަށާފައެވެ. އެގޮތުން މާލޭގެ 07 ސްކޫލަކާއި އަތޮޅުތެރޭގައި 41 ސްކޫލެއްގައި އަރަބި ބަސް ކިޔަވައިދެމުންދާ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އުތުރުގައި ޤާއިމްކުރާ އަރަބި މީޑިއަމް ސްކޫލްގެ ގޮތުގައި ހދ. ކުޅުދުއްފުށީ ސްކޫލް ހަމަޖައްސާ ސްކޫލްގައި ކިޔެވުން އަންނަ އަހަރު ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ، އަރަބި އިސްލާމް ޤުރުއާން މާއްދާތަށް ކިޔަވައިދިނުމަށް 5000 ޓީޗަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ. މީގެ އިތުރުން ސްކޫލްތަކުގެ ގްރޭޑް 1،7 ގެ ދަރިވަރުންގެ ހެލްތް ސްކްރީން ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ގްރޭޑް އެކެއްގެ 5792 ދަރިވަރުންގެ ހެލްތް ސްކްރީނިންގ ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ގްރޭޑް 1 ގެ ދަރިވަރުންގެ ރިސްކް އެސެސްމަންޓް ހެދުމަށް ބޭނުންވާ ޓޫލްސްތައް ތައްޔާރުކޮށް އަމަލުކުރަން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. 75 ސްކޫލެއްގައި މިކަމާބެހޭ ތަމްރީނުތައް ހިންގާފައިވާއިރު، ބާކީ ހުރި ސްކޫލްތަކުގައި އޮންލައިންކޮށް ތަމްރީނުތައް ހިންގަމުން ގެންދާ ކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ 213 ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭންތައްޔާރު ކުރެވި ސްކޫލްތަކުގެ ބޭފުޅުން ތަމްރީނުކުރިވެފައިވާ ކަމަށެވެ.އަންނަ 2016 ވަނަ އަހަރު ގްރޭޑެއް އެކަކަށް ވަންނަ ކުދިންނަށް ކުދިންގެ ޙާލަތު ވަޒަންކުރުމުގެ ރިސްކް ޓެސްޓެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ އެސެސްމަންޓު ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.