ޚަބަރު

ޙަމަދާދިނުން ވަގުތުން ހުއްޓާލުމަށް އޯއައިސީން ގޮވާލައިފި


ފަލަސްޠީނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގުން ހުއްޓައިލުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯއޮޕަރޭޝަން، އޯއައިސީން އިސްރާއީލަށް ގޮވާލައިފިއެވެ.

57 ޤައުމުގެ މައްޗަށް އެކުލެވޭ އޯއައިސީ އުފެއްދީ 1969ވަނަ އަހަރުގެ ތެރޭގައި ފަލަސްޠީނުގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީން ޙަމަލާދިނުމުންނެވެ. އޭރު ފަލަސްޠީނުގެ މުޤައްދަސް ބިނާތަކާއި މުސްލިމުންގެ ސަލާމަތަށް އުފެއްދި އޯއައިސީގެ ރާގާއި މަންޒަރު މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެގޮތުން ފާއިތުވި ރަމަޟާން މަހުން ފެށިގެން އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ޢުދުވާނުތަކާ ދެކޮޅަށް އޯއައިސީގެ ފަރާތުން ލިބިފައިވަނީ ވަރަށް ބަލިކަށި އަދި ވަރަށް ފިނި ރައްދެކެވެ. ބައެއް ޤައުމުތަކުން ޢާންމު އުޞޫލުން ނެރޭ ނޫސްބަޔާން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ.

ފާއިތުވި 6 ދުވަހުގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގައި ވަރުގަދަ ޙާމަލާތަކެއް ދިނުމުން އޯއައިސީންވަނީ އެ ޖަމުޢިއްޔާގެ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އޯއައިސީންވަނީ އިސްރާއީލުގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވާލައިފައެވެ.

އޯއައިސީގެ ބައްދަލުވުމުގެ މުޤައްރިރުކަން ކުރެއްވި ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރުޙާން އާލްސަޢުދު ވިދާޅުވީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުން ނެރުމުގެ މަޤްޞަދުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ކުރާ ހުރިހާ މަސައްކަތްތަކެއް ކުށްވެރިކުރާކަމަށާއި ޢާންމުންގެ ފުރާނައަށް ގެއްލުންވަމުންދާ ޙަމަލާތައް ބަލައިނުގަނެވޭނެކަމަށެވެ. އަދި އެއީ ހުރިހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިސްރާއީލުގެ ޢަމަލުތަކަކީ ފަލަސްޠީނުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރަމުންދާ ހުރިހާ މަސައްކަތްތަކަށް ފުށުއަރާ ޢަމަލުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ ދުނިޔެއާއި އިންސާނީ ޙައްޤުތަކާބެހޭ ޖަމުޢިއްޔާތަކުން މަސައްކަތްކުރުމަށް އޯއައިސީންވަނީ ގޮވާލައިފައެވެ. އަދި އަސްކަރީ ޙަރަކާތްތައް ހުއްޓުމަކަށް ގެނެސް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށްވެސް އޯއައިސީން ގޮވައިލިއެވެ ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންގެ ފުރާނައާއި ޤުދުސް ރައްކާތެރިކުރުމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށްވެސް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ. އޭގެ އިތުރުން ފަލަސްޠީނުގައި ޙަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް އޯއައިސީންވަނީ ބުނެފައެވެ.