ޚަބަރު

މާބަނޑު މީހުން ވެކްސިންޖެހުމަށް ހުޅުވާލައިފި


މާބަނޑު އަންހެނުންނަށް ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދިނުމުގައި ބަލާނީ ފުރަތަމަ އަންނަ މީހުންނަށް އިސްކަންދޭ އުސޫލުންކަމަށެވެ. އެހެންކަމުން ވެކްސިން ޖެހުމަށް މާބަނޑު މީހުން ޖެހެނީ، އެޗްޕީއޭގެ ޓުވިޓާރގައި ޢާއްމުކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށެވެ.

ރާއްޖޭގައި މާބަނޑު މީހުންނަށް ވެކްސިން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހުގައެވެ. އެގޮތުން އެޗްޕީއޭއިން މީގެ ކުރިން ވިދާޅުވީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުން އިތުރުވަމުން އަންނައިރު ކުރިއާ ޚިލާފަށް މިހާރު މާބަނޑު މީހުންގެ ޙާލު ގޯސްވަމުންދާ ކޭސްތައް އިތުރުވަމުން އަންނަކަމަށެވެ. މީގެކުރިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޙާލަތު ގޯސްވެގެން އައިސީޔޫއަށް ލާންޖެހޭފަދަ ޙާލަތަކަށް ނުދިޔަނަމަވެސް މިހާރު މާބަނޑު މީހުންނަށް އައިސީޔޫގައި ފަރުވާދޭންޖެހޭ ނިސްބަތްވަނީ އިތުރުވެފައެވެ.

ކޯވިޑް-19އަށް ފަރުވާކުރުމުގައި އައިޖީއެމްއެޗުގައި ޙަރަކާތްތެރިވާ އެހޮސްޕިޓަލްގެ ތެރެހަށީގެ ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ މިހާރުވެސް މާބަނޑު 50 މީހުން ރާއްޖޭގައި ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މީގެތެރެއިން އެކަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންކަމަށްވެސް މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.

މާބަނޑު މީހުންގެ ޙާލަތު ގޯސްވެ ކުއްލި ފަރުވާއަށް އެޗްޕީއޭގެ ހޮޓްލައިނަށް ނުގުޅުމުގެ ދަތިކަން ކުރިމަތިވުމުގެ ޝަކުވާއާއެކު އެމައްސަލަ ޙައްލުކުރުމަށް އައިޖީއެމްއެޗްގެ ޑިޕާޓްމަންޓް އޮފް އޮބްސްޓްރެކްޓްރިކްސް އެންޑް ގައިނަކޮލޮޖީންވަނީ މިކަމަށް ޚާއްސަ ހޮޓްލައިނެއް ޤާއިމުކޮށްފައެވެ. އެގޮތުން މާބަނޑު މީހުންގެތެރެއިން ޕޮޒިޓީވް މީހުންނާއި ކޯވިޑަށް ޝައްކުކުރެވޭ މާބަނޑު މީހުންނަށް ކުރިމަތިވާ އެކި އެމަރޖެންސީތަކާ ގުޅިގެން 3308234އަށް ގުޅުމުން ޑޮކްޓަރުންގެ އެހީތެރިކަން ލިބޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމަށް ނިންމާފައިވާއިރު ފައިޒާ ވެކްސިނަކީ މިހާތަނަށް ރާއްޖޭގައި ދެމުން އަންނަ، ރައްކާތެރިކަން އެންމެ ބޮޑު އެއް ވެކްސިންއެވެ. ފައިޒާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 11ވަނަ ދުވަހުއެވެ. މިވެކްސިނަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނީ މާޗްމަހުއެވެ.

ފައިޒާ ވެކްސިން ދެނީ ޚާއްސަ ޙާލަތްތަކުގައިވާ މީހުންނަށް އެކަންޏެވެ. އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރުދެރަ މީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ މީހުން ހިމެނެއެވެ. މި ވެކްސިނަކީ އުމުރުން 16އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާއިރު، ރާއްޖޭގަ އުމުރުން 16އަހަރާއި 18އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި މިވަގުތު ޖަހަމުންދާ ފައިޒާ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެދަށުން ރާއްޖެއަށް ލިބިފައިވާ ވެކްސިނެވެ. މި ވެކްސިންގެ 5،500ޑޯޒް ވަނީ ލިބިފައެވެ.