އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން ރަފައެލް ނަޑާލް އާއި ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ނަޑާލް ޖާގަހީދީ ސެމީ ފައިނަލްގައި އެމެރިކާގެ ރެއިލީ އޮޕެލްކާ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.
ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުލުމެއް ފެނިގެންދިޔަ މިމެޗްގެ ސެޓްތައް ނަޑަލް ގެންދިޔައީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. މިމުބާރާތުގެ ފައިނަލްގައި ނަޑާލް ވާދަކުރާނީ ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ނޯވަކް ޖޯކޮވިޗް އާއެވެ. ޖޯކޮވިޗް ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި އިޓަލީވިލާތުގެ ލޮރެންޒޯ ސޮނޭގޯ ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތައް ޖޯކޮވިޗް ކާމިޔާބުކުރީ ހައެއް ތިނެއް، ހައެއް ހަތެއް އަދި ހައެއް ދެއަކުންނެވެ. ޖޯކޮވިޗް އިއްޔެވަނީ ދެމެޗް ކުޅެފައެވެ. އެއީ ކްއާޓަރ ފައިނަލްގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ބައްދަލުކުރި މެޗް ވާރޭ ވެހުމުގެ ސަބަބުން ނުކުޅެއޮތް މެޗްގެ ބާކީ ބައި ކުޅެން ޖެހުމުންނެވެ. އެމެޗް ހުއްޓާލިއިރު ސިޓްސިޕާސް އެއް ސެޓް ކާމިޔާބުކޮށް ދެވަނަ ސެޓްގައިވެސް 2 ގޭމް އެއް ގޭމުން ކުރީގައި އޮތް ނަމަވެސް ޖޯކޮވިޗްވަނީ ފަހުން ކުޅުނުއިރު ދެވަނަ ސެޓް ކާމިޔާބުކޮށް އަދި ތިންވަނަ ސެޓް ހަތެއް ފަހަކުން ކާމިޔާބުކޮށްފައެވެ. މިއީ މި މުބާރާތުގެ ފައިނަލްގައި މިދެކުޅުންތެރިން ބައްދަލުކުރާ ހަވަނަ ފަހަރެވެ.