ކުޅިވަރު

ރާއްޖޭގެ ހިއްސާއާއެކު ދުނިޔޭގެ ބެޑްމިންޓަނަށް ބޮޑު ބަދަލެއް ގެންނަނީ


ދިވެހިރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ދުނިޔޭގެ ބެޑްމިންޓަނަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ފަށައިފިއެވެ.

ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އިންޑޮނޭޝިޔާގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް އިންޑޮނޭޝިޔާ އާއި ގުޅިގެން ބެޑްމިންޓަންގެ ސްކޯރިންއަށް ބަދަލްތަކެއް ގެނައުމަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އަށް މިހާރުވަނީ ހުށައަޅާފައެވެ. ދުނިޔޭގެ ބެޑްމިންޓަނަށް މިފަދަ ބޮޑު ގަވާއިދެއް ރާއްޖެއާއި އިންޑޮނޭޝިޔާ ހުޅިގެން ހުށައަޅާފައިވާއިރު، ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަނަށް ހުށައެޅި ސްކޯރިންގެ ބަދަލްގެ ސަބަބުން ބެޑްމިންޓަނަށް ބޮޑު ބަދަލެއް އަންނާނެކަމަށާއި މިކަމުގެ ސަބަބުން ބެޑްމިންޓަން އިތުރަށް ފުޅާވެ، ބެޑްމިންޓަނަށް ލޯބިކުރާާ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށް މޫސާ ނާޝިދު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑޮނޭޝިޔާ ގުޅިގެން ބީޑަބްލިއުއެފަށް ހުށައެޅި ސްކޯރިންއަށް އަމަލްކުރެތޯ ފެނުމަށް މިމަހުގެ 22ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ އެނުއަލް ޖެނެރަލް މީޓިންއަށް ހުށައެޅުމަށް ހަމަޖެހިފައިވާއިރު، އެބައްދަލުވުމުގެ މެޖޯރިޓީ މިސްކޯރިން ފޯމެޓަށް ލިބިއްޖެކަމަށްވާނަމަ، އެއް އަހަރު ދުވަހުގެ ތެރޭގައި މިއާ ސްކޯރިން ފޯމެޓަށް އަމަލް ކުރަން ފަށާނެއެވެ.

ބެޑްމިންޓަން އޭޝިއާއިންވެސް ތާއީދު ލިބިފައިވާ މިސްކޯރިން ފޯމެޓާބެހޭގޮތުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ ރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ހުށައަޅާފައިވަނީ 21ހުން ސެޓް ނިމުމުގެ ބަދަލްގައި 11އިން ސެޓް ނިމޭގޮތަށެވެ. އެއީ ބެސްޓް އޮފް ފައިވްއަށެވެ. މެޗެއްގައި 11ގެ ފަސް ސެޓް ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުން މޮޅުވާނީ 3 ސެޓް ހޯދައިގެންނެވެ. މޫސަ ވިދާޅުވީ މިފަދަ ބޮޑު ބަދަލެއް ބެޑްމިންޓަނަށް ގެނައުމަށް ނިންމީ ދިރާސާ ކުރުމަށްފަހުއެވެ. ދިރާސާތައް ދައްކާގޮތުން 21 އަށް ކުޅުމުން މެޗް ދިގުވެގެންގޮސް، ބާލާމީހުން ފޫހިވާތަން އަންނަކަމަށެވެ. އަދި ސެޓް ކުރުވެ، އަވަސް ކުޅުމެއް ފެންނަކަމަށްވާނަމަ، ބެލުންތެރިންވެސް އިތުރުވާކަމަށް މޫސަ ވިދާޅުވިއެވެ. މިޒަމާނުގައި ހުރިހާ ކުޅިވަރަކީވެސް ވަރަށް ބޮޑަށް ބެލުންތެރިންނާއި ގުޅި، ޓީވީއަށް ވަރަށް ބޮޑަށް އިސްކަންދީގެން ކުރާކަމެއްކަމަށާއި ބައެއް ކުޅިވަރަތައް މިހާރުވެސް ބެލުންތެރިން ބަލާހިތްވާ ގޮތަށް ބަދަލްގެނެސްފައިވެއެވެ. މީގެކުރިން ބައެއް މުބާރާތްތަކުގައި މި އާ ސްކޯރިން ބޭނުންކޮށްގެން ކުޅުމުގެ ނަތީޖާއަކަށްވީ، ބެލުންތެރިން އިތުރުވުމެވެ. މޫސަ ވިދާޅުވީ މިކަމުގެ ސަބަބުން ބެޑްމިންޓަން މިހާރަށްވުރެއް ބޮޑަށް މާކެޓްވެ، މެޗްގެ ތެރޭގައި އިސްތިހާރު ދެއްކޭ ވަރު އިތުރުވާ ވަރަކަށް، ސްޕޮންސަރުންވެސް އިތުރުވާނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ބައިނަލްއަގުވާމީ ކުޅިވަރެއްގެ ގަވާއިދަކަށް އިސްލާހެއް ގެންނަން އިސްނެގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.