ވިޔަފާރި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ އެދުވަހު ހަވީރު 16:00 ޖަހާއިރު މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށް އެސްޓީއޯއިން ބުނެއެވެ. އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، އެސްޓީއޯގެ ވެބްސައިޓުން ރަޖިސްޓްރީކުރެވޭނެއެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުންވެސް އޮންނާނެއެވެ. ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން 6 މެންބަރުން އަދި އާންމު ހިއްސާދާރުންގެ ފަރާތުން 1 މެންބަރަކު ހޮވާނެއެވެ. ޑިރެކްޓަރުކަމަށް ނަން ހުށައެޅުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލީ 22 މާރިޗް ގައެވެ. އަދި މި ފުރުޞަތު ހަމަވެފައިވަނީ 14 އޭޕްރިލް އަށެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ ޑިރެކްޓަރުންނަށް އެއްވެސް ބަދަލެއް ނުގެންނަވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއިން އަންގާފައިވާތީ ސަރުކާރުގެ ފަރާތުން އައްޔަންކުރާ ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވާނީ މިހާރުވެސް ތިއްބަވާ ޑިރެކްޓަރުންނެވެ. ނަމަވެސް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް 4 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އެހެންކަމުން އަހަރީ އާންމު ޖަލްސާގައި މީގެތެރެއިން 1 ފަރާތެއް އިންތިހާބުކުރުން އޮންނާނެއެވެ.

2020 ވަނަ އަހަރުގެ އެސްޓީއޯގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. އެހެންކަމުން މި ޖަލްސާގައި ހިއްސާއަކަށް 60 ރުފިޔާ ބަހަން ހިއްސާދާރުންގެ މެދުގައި ވޯޓަށް އަހާނެއެވެ.