ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި 6.7 މިލިއަން، ބޮލަކަށް 4200 ރުފިޔާ


ފިޠުރު ޒަކާތުގެ ގޮތުގައި މި ރަމަޞާންމަހު މާލެ ސަރަޙައްދުން 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ވިދާޅުވީ މާލެއާއި އަތޮޅުތަކުން ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ޢީދު ނަމާދުގެ ކުރިން ބަހާ ނިންމާފައިވާކަމަށެވެ.


މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތީ ރަމަޞާންމަހުގެ ފުރަތަމ ދުވަހުން ފެށިގެން މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި މާލޭ ސަރަޙައްދުން ފިޠުރު ޒަކާތުގެ ގޮތުގައި 6،746،896 ( ހަ މިލިއަން ހަތްލައްކަ ސާޅީސް ހަހާސް އަށްސަތޭކަ ނުވަދިހަ ހަ ރުފިޔާ) ވަނީ ލިބިފައެވެ. މާލެއިން ޒަކާތް ދައްކާފައިވަނީ 164392 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލެ ސިޓީގައި ފަގީރުންނާ މިސްކީނުންގެ ދަފްތަރުގައި 1498މީހުން ހިމެނޭކަމަށެވެ. މީގެތެރެިއން
އިސްލާމިކް މިނިސްޓްރިއިން ވިދާޅުވީ ޒަކާތް ހަވާލުކުރެވިފައިވަނީ 1494މީހުންނާކަމަށެވެ. މި އަދަދުން ބޮލަކަށް ޖެހުނީ 4200 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރަމަޞާންމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް، ބޭންކް އެކައުންޓްގެ ތަފްސީލް ލިބިފައިވާ 1472 މީހުންނަށް ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރީ އެމީހުންގެ އެކައުންޓްތަކަށް ކަމަށެވެ. އަދި އެކައުންޓުގެ ތަފްސީލު ލިބިފައިވާ ނުވާ 22 މީހަކަށް ފައިސާދުކުރާނެ އިންތިޒާމުތައް ހަމަޖައްސާ އެމީހުންނަށް ފައިސާ ދޫކޮށްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޒަކާތުގެ ފައިސާގެ ގޮތުގައި ލިބުނު 6.7 މިލިއަނުން ފަގީރުންގެ ދަފްތަރުގައި ހިމެނުނު މީހުންނަށް ބަހާފައިވަނީ 6،274،800 (ހަމިލިއަން ދެލައްކަ ހަތްދިހަ ހަތަރުހާސް އަށްސަތޭކަ ރުފިޔާ) އެވެ. މީގެއިތުރުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 472،096 (ހަތަރު ލައްކަ ހަތްދިހަ ދެހާސް ނުވަދިހަ ހަ ރުފިޔާ) ހަވާލުކޮށްފައިވަނީ ފިޔަވަތި، އަމާންވެށި، ކުޑަކުދިންގެ ހިޔާ އަދި ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއެވެ.

ފާއިތުވި ހަތަރު އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަށް ބަލާއިރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނީ މިއަހަރެވެ. އަދި މި އަހަރު ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ އަދަދުވެސް މިދިޔަ އަހަރަށް ވުރެ ވަނީ މަދުވެފައެވެ. މިިދިޔަ އަހަރު ޒަކާތުގެ ގޮތުގައި ލިބުނީ 6.6 މިލިއަން ރުފިޔާއެވެ. އެ އަހަރު ދަފްތަރުގައި ތިބީ 1715 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ އަތޮޅުތަކުގައިވެސް މި މުއްދަތުގައި ފިތުރު ޒަކާތް ބަހާފައިވާކަމަށެވެ. ފަގީރުންގެ އާބާދީއާ، ޒަކާތުގެ ފައިސާ ލިބޭ މިންވަރަށް ބަލާ، އެކި ރަށްތަކުގައި ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހޭ ފައިސާގެ އަދަދު ތަފާތުވާނެއެވެ.