ޚަބަރު

މީހުންގެ މައްޗަށް ބަދު ދުޢާ ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ


ހުކުރު ނަމާދަށްފަހު ވަކި ބައެއްގެ މައްޗަށް ބަދު
ދުޢާކުރާކަމަށް ފާހަގަ ކުރެއްވިފައިވާކަމަށާއި މި ކަން މިގޮތަށް ތަކުރާރުކުރަމުން
ގެންދާ ފަރާތްތަކާމެދު ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް މެދުވެރިކުރައްވައި
ޤާނޫނީ ފިޔަވަޅު އަޅުއްވަމުން ގެންދަވާނެކަމަށް އިސްލާމިކް މިނިސްޓްރީން
ވިދާޅުވެއްޖެއެވެ. 



އެމިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިކަމަކީ ދިވެހި ރައްޔިތުންގެ ދީނީ
އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާ ޚިލާފްކަމެއް ކަމަށާއި ރައްޔިތުންގެ
މެދުގައި މި ކަމުގެ ސަބަބުން ފިތުނަ އުފެދި،  ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި
ރުޅިވެރިކަން އުފެދޭ ކަމެއްކަމަށެވެ. މިއީ މާތްވެގެންވާ އިސްލާމްދީނުގައި ނަހީ
ކުރައްވާފައިވާ ކަމެއްކަމަށް ވެސް މި ބަޔާނުގައި ފާހަގަކުރައްވާފައިވޭ. އިސްލާމްދީނުގައި
މުސްލިމުންގެ މައްޗަށް ބަދު ދުޢާކުރުމަކީ ޙަރާމް ކަމެއްކަމަށް ވެސް އިސްލާމިކް
މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

މިގޮތަށް ގިނަބައެއްގެ ކުރިމަތީގައި މިކަން
ކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށާއި، މި ކަމަކީ މާތް ﷲ ރުހިވޮޑިގެން ނުވާކަމެއްކަމަށް
ވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ



އަދި ކޮންމެ ހުކުރުދުވަހުގެ ހުކުރު ނަމާދައްފަހު
ދިވެހިންގެ ތެރެއިން ބަޔަކު މިސްކިތުގެ ބޭރުގައި ކުރަމުންދާ ދުޢާގައި
ބައިވެރިނުވުމަށާއި، އެގޮތަށް ދުޢާ ނުކުރުމަށް އެމިނިސްޓްރީން ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.