ޚަބަރު

ބައިޑަން ޢައްބާސަށް ގުޅުއްވައިފި، އެއްވެސް ޢަރަބި ވެރިއެއް ނުގުޅުއްވައި


ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސަށް ފޯނުން ގުޅުއްވައި މަޝްވަރާކޮށްފިއެވެ. އެއީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގަތްފަހުން ބައިޑަންނާއި ޢައްބާސް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. ޢައްބާސަށް ބައިޑަން ގުޅުއްވައިފައިވަނީ ފަލަސްޠީނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ޙައްލުކުރުމަށް މެއި މަހުގެ 14ވަނަ ދުވަހު އެމެރިކާގެ މަންދޫބެއް އެ ސަރަޙައްދަށް ވަޑައިގެންފައިވަނިކޮށެވެ.

ފަލަސްޠީނުގެ ރައީސަށް ގުޅުއްވުމުގެ ކުރިން، މެއި މަހުގެ 13ވަނަ ދުވަހު، ބައިޑަންވަނީ އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ހިތްވަރުދެއްވައިފައެވެ. އެގޮތުން ބައިޑަންވަނީ އިސްރާޢީލުގެ ދިފާޢަށާއި ސަލާމަތަށް ކުރަންޖެހުނު ކޮންމެ ކަމެއް އެ ޤައުމުން ކުރަންޖެހޭނެކަމަށާއި އެއީ އެ ޤައުމަށް ލިބިފައިވާ ޙައްޤެއްކަމަށް ނަތަންޔާހޫއަށް ދަންނަވައިފައެވެ. ހަމަ އެ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންވަނީ ޢައްބާސަށް ގުޅުއްވައި ފަލަސްތީނުގެ ހަނގުރާމަވެރިން އިސްރާއީލަށް ދެމުންދާ ޙަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ.

ފުރަތަމަ ފަހަރަށް ފަލަސްޠީނުގެ ރައީސާއި އެމެރިކާގެ ރައީސް ވާހަކަދައްކަވައިފައިވަނީ އިސްރާއީލާ ޞުލްޙަވުމަށް ބާރުއަޅައި ފަލަސްޠީނަށް އެތައް މިލިޔަން އެމެރިކާ ޑޮލަރެއް އެމެރިކާގެ ސަރުކާރުން ހުށަހަޅައިފައިވަނިކޮށެވެ. އެގޮތުން ޢަރަބިންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކުން އިސްރާއީލާ ޞުލްޙަވެއްޖެނަމަ 10 މިލިޔަން އެމެރިކާ ޑޮލަރު ދޭން އެމެރިކާގެ ސަރުކާރުންވަނީ ހުށަހަޅައިފައެވެ. އެހީގެ ގޮތުގައި އިސްރާއީލަށް އަހަރަކު 3.8 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއިން ދެއެވެ.

އޭގެ އިތުރުން މަޙްމޫދު ޢައްބާސް ނިޞްބަތްވަޑައިގަންނަވައި ފަޠަޙަ ޖަމާޢަތުގެ ސެކެޓުރީ ޖެނެރަލް ޖިބްރީލް ރަޖޫބު ވިދާޅުވީ ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންދިޔަ ނަމަވެސް އެއްވެސް ޢަރަބި ޤައުމެއްގެ ވެރިއެއް މިހާތަނަށް ޢައްބާސަށް ނުގުޅުއްވައިކަމަށެވެ. އޭނާ ވިދާޅުވީ ފަލަސްޠީނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަން މުސްތަޤްބަލުގައި އެހެން ޢަރަބި ޤައުމަކަށް ކުރިމަތިވުން ގާތްކަމަށާއި ޢަރަބިންގެ ސަލާމަތް ކަށަވަރުކުރުމަށް އިސްރާއީލާ ދެކޮޅަށް ތެދުވަންޖެހޭކަމަށެވެ.

ޢަރަބި ޤައުމުތަކުގެ ތެރެއިން މިޞްރާއި އުރުދުންނާއި ބަޙްރައިންނާއި ސޫދާނާއި މަޣްރިބާއި ޔޫއޭއީންވަނީ އިސްރާއީލާ ގުޅުންބަދަހިކޮށް، ޞުލްޙަވެފައެވެ. އޭގެ ތެރެއިން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އުރުދުންގައި ބޭއްވި އެއްވުމެއްވަނީ އެ ޤައުމުގެ ފުލުހުން ރޫޅާލައިފައެވެ. އަދި ޔޫއޭއީންވަނީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާދިނުން ހުއްޓާލުމަށް އަންގައިފައެވެ. އަދި އިސްރާއީލާ ދެކޮޅަށް ޙަމަލާދިނުން ހުއްޓާނުލައިނަމަ ޣައްޒާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޢަރަބި ޤައުމުތަކުން ދީފައިވަނީ ވަރަށް ފިނި ރައްދެކެވެ.