ރާއްޖެއިން އިތުރު 1007 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެތެރެއިން 186 މީހުންނަކީ ހަފްތާގެ އެހެން ދުވަސްދުވަހު ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 43 ހާހަށްވުރެ މައްޗަށް އަރާފައެވެ.
ރަމަޟާންމަހުގެ މެދާ ހިސާބުން ފެށިގެން ކޯވިޑް-19އަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ރާއްޖޭގައިވަނީ 500އަށްވުރެ އިތުރުވެފައެވެ. އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު އިތުރު 1007 މީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން ހުކުރު ދުވަހުގެ އިރުއޮއްސި 6އިން ފެށިގެން ހޮނިހިރުދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ޕޮޒިޓިވްވެފައިވަނީ 821 މީހެކެވެ. 186 މީހުންނަކީ އެހެން ދުވަސްތަކުގައި ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 793 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 183 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވީ 26 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި 5 މީހެކެވެ.
މިއާއެކު މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ 15666 މީހުން ރާއްޖޭގައި އެބަތިބިއެވެ. އެއްފަހަރާ ބައްޔަށް ހުށައެޅިފައިވާ މީހުން އިތުރުވުމުގެ ސަބަބުން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންވެސްވަނީ އިތުރުވެފައެވެ. އެގޮތުން މިވަގުތުވެސް 260 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.
ވޭތުވެ 24 ގަޑިއިރުގެތެރޭގައި މިބަލިން 341 މީހަކުވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވި މީހުންގެ ޢަދަދުވަނީ 28013އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5،037 ސާމްޕަލެއް ވަނީ ނަގާފައެވެ.
މިބަލީގައި އެންމެ ނުރައްކާ މަހެއްގެ ގޮތުގައި މިމަސް ފާހަގަކުރެވޭއިރު މިމަހުގެ މިހާތަނަށް 21 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ.
ކޯވިޑްގެ ފުރަތަމަ މަރަށް ރާއްޖޭގައި އަހަރެއް ވެފައިވާއިރު މިހާތަނަށް 94 މީހަކުވަނީ މިބަލީގައި ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 81 ދިވެހިންނާއި 13 ބިދޭސީންނެވެ.
ބަލީގެ ޙާލަތު މާލޭގެ އިތުރުން ރަށްރަށުގައިވެސް ގޯސްވަމުން އަންނައިރު ކޯވިޑް ކޭސްތަކެއް ފެނި މިވަގުތު 49 ރަށްވަނީ މޮނީޓަރިންގެ ޙާލަތުގައެވެ.