ޚަބަރު

އަހުލު ޕްރޮގްރާމްގެ ދަށުން 9 ޢާއިލާއެއް އަމިއްލަ ރަށަށް


ކޯވިޑް-19ގެ ސަބަބުން ދިރިއުޅުމަށް އައިސްފައިވާ ބަދަލާއެކު ދިރިއުޅުން ރަށަށް ބަދަލުކުރަން ބޭނުންވި 9 ޢާއިލާއެއް ސަރުކާރުގެ އެހީގައި ރަށަށް ފޮނުވައިފިއެވެ. "އަހުލު"ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރއިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވުމަށް މާޗްމަހާ ހަމައަށް 13 ޢާއިލާއަކުން އެދިފައިވާ ކަމަށް އެމިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ.

ބައިނަލްއަޤުވާމީ ޢާއިލާ ތަކުގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ނެރެފައިވާ ބަޔާނެއްގައިވަނީ މިއަހަރުގެ މިދުވަސް ކުރިމަތިވެފައިވަނީ ޢާއިލާތަކަށް އެކި ގޮތްގޮތުން ގިނަ ގޮންޖެހުން ބޮޑު ދުވަސްވަރަކާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކޯވިޑް-19އާއެކު ވަޒީފާ ގެއްލި މުސާރައަށް ނޭދެވޭ އަސަރުކޮށް ޢާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ހުއްޓުމަކަށްވަނީ އައިސްފައެވެ. މިއާއެކު ޢާއިލާތަކުގެ ޚަރަދު ހަމަޖެއްސުމުގައި ގިނަ މައްސަލަތަކެއް ދިމާވެ ދެކޮޅު ނުޖެހި އެތައް މައްސަލައެއް ކުރިމަތިވަމުން އަންނަކަން މިނިސްޓްރީގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ދަތިތަކުން އަރައިގަނެ ދިރިއުޅުން އާރާސްތުކުރުމަށް އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ޢާއިލާތަކަށް އެފުރުސަތު ފަހިކޮށްދިނުމަށްވަނީ އަހުލު ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 9 ޢާއިލާއެއް ރަށަށް ފޮނުވާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގެ ދަށުން ރަށްރަށަށް ފޮނުވާ ޢާއިލާތަކުގެ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް ޚާއްސަ އެސެސްމަންޓެއް ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާޓްމަންޓުން ކުރިއަށްގެންދެއެވެ. އެމިނިސްޓްރީއިން މީގެކުރިން ވިދާޅުވީ މިފުރުސަތުގައި ރަށަށް ދިޔުމަށް ބޭނުންވާ ގިނަ ޢާއިލަތަކަކީ ކުލި ދެއްކުމަށް ނުކުޅެދިފައިވާ ޢާއިލާތައްކަމަށެވެ.


ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު"ގެ ދަށުން ދޭ މާލީ އެހީގެ ތެރޭގައި ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވަންސްގެ ގޮތުގައި 6 މަސް ވަންދެން އާއިލާއަކަށް 3000 ރުފިޔާއެވެ. އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ޚަރަދުގެ އިންސައްތައާއި އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ޚަރަދުގެ ވަކި އިންސައްތައެކެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށެވެ.

ޢާއިލާތަކުގެ ދުވަހާ ގުޅިގެން ޖެންޑަރ މިނިސްޓްރީންވަނީ މިހާރު ކުރިމަތިވެފައިވާ ޙާލަތުގައިވެސް ޢާއިލީ ގުޅުންތައް ބަދަހިކުރުމަށް ހަނދާންކޮށްދެއްވާފައެވެ. އެގޮތުން ޢާއިލާތަކުގެ ދުވަހެއް ފާހަގަކުރެވޭއިރު ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅާލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ ގިނަ އަދަދެއްގެ ކުދިންނާއި، މީހުން މިނިސްޓްރީގެ ދަށުން ހިންގަމުންބއަންނަ މަރުކަޒުތަކުގައި ތިބިކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ. އަދި ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ކުޑަކުއްޖަކަށްވެސް ލިބިގެންވާ ޙައްޤަކަށް ވެފައި، އެ ޙައްޤުން މަހްރޫމްވުމަކީ ކުއްޖާގެ ކުރިމަގަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމެއްކަމަށް އެމިނިސްޓްރީގެ ބަޔާނުގައިވެއެވެ. ހަމަ މިފަދައިން އުމުރުން ދުވަސްވީ މީހުންނާއި، ނަފްސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެފަރާތްތަކުގެ ޢާއިލާގެ އަޅާލުމެއް ނެތި މަރުކަޒެއްގައި ދިރިއުޅެންޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން އެތައް ދިރާސާއަކުން ފާހަގަވެފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން މިކަންކަމާ މެދު ފުންކޮށް ވިސްނާ ކުދިންނާއި، މީހުން މަރުކަޒުތަކަށް ފޮނުވުމަކީ އެންމެ ފަހު ހައްލު ކަމުގައި ދެކެވަޑައިގެން، ޢާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ފުރުޞަތު ކޮންމެ ކުއްޖަކާއި އަދި މީހަކަށްވެސް ހޯއްދަވައިދެއްވުމަށް ފަރުދީ ފެންވަރުގަ އާއި ޖަމާޢަތުގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ޖެންޑަރ މިނިސްޓްރީންވްނީ އިލްތިމާސްކުރައްވާފައެވެ.