މިމަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތައް ފެންނަ ފޮޓޯތަކެއް ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ޢާއިލާއިން ޢާއްމުކޮށްފިއެވެ.
މިފޮޓޯތައް ޢާއްމުކޮށްފައިވަނީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީންކަމަށް ޢާއިލާއިން ހާމަކުރައްވައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގަންނަވާފައެވެ. އަދި 16 ގަޑިއިރަށްވުރެ ދިގު އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ މިޙަމަލާގައި އެމަނިކުފާނުގެ ފުރާނައަށް ގެއްލުންވާފަދަ ޒަޚަމްތަކެއް ލިބިވަޑައިގެންނެވިކަމަށެވެ.
ކާމިޔާބު އޮޕަރޭޝަންތަކެއް ކުރެއްވުމަށްފަހު އެމަނިކުފަނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިތުރު ފަރުވާއަށް ޖަރުމަނަށް ފުރާވަޑައިގަންނަވާފައެވެ.
ރައީސް ނަޝީދު އެދިވަޑައިގެންނެވުމުގެ މަތިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާފައިވާ ޒަހަމްތަކުގެ ފޮޓޯތައް ޢާއްމުކުރައްވާފައިވަނީ އެމަނިކުފާނުގެ ބޭބޭފުޅު ޑރ.އިބްރާހިމް ނާޝިދު (ނާޝް)އެވެ.
މިފޮޓޯތަކުން ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކުގެ ސީރިއަސްކަން ވަރަށް ބޮޑަށް ފެނިގެންދެއެވެ.
މިނުރައްކާތެރި ހަމަލާގައި އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ މާތްﷲގެ ރަޙުމަތްފުޅުން ވަރަށް ނާޒުކު ގޮތަކަށްކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. ޙަމަލާދިނުމުގައި ބޭނުންކުރި އައިއީޑީގައިވާ ދަގަނޑު ކޮޅުތަކާއި ރޭޒާ ފުއްތަކުގެ ތެރެއިން ފުކެއް ރައިީސް ނަޝީދުގެ ހިތަށް ސީދާނުވެދިޔައީ ހަމަ ކިރިޔާއެވެ. އެއީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިނެވެ.
Anni asked me to share these photos with wveryone. They are as they are. Damage to the body is serious, but I feel the will has got stronger. @MohamedNasheed pic.twitter.com/q66BkIvzpc
— Nash (@i_nashid) May 15, 2021
މިއެތިކޮޅު ހިތަށް ނުވަދެ މަތަވީ އެމަނިކުފާނުގެ މޭކަށިގަނޑުގެ ރިބެއްގައި ޖެހިގެންނެވެ. އެރިބް ވަނީ ފުނޑުފުނޑުވެފައެވެ. މިގޮތަށް ދިމާވުމުގެ ސަބަބުން ފުނޑުފުނޑުވެގެންދިޔަ ކަށިގަނޑުގެ އެތިކޮޅުކޮޅުތައް ރައީސް ނަޝީދުގެ ފުއްޕާމެއަށް ހެރިފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ހަމަލާގައި ހަށިގަނޑަށް ވަދެގެންދިޔަ އެތިކޮޅެއް ފުއްޕާމޭގެ އެއްފަޅި ފޫއަޅުވާލައި ނިކުމެފައިވާކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.
މިޙަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަން ދަގަނޑު 3 އެތިކޮޅެއް ބަނޑުގެ ތިން ގުނަވަނެއް ފޫއަޅުވާލާފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެގޮތުން ފަލަގޮހޮރުގައި ދެތަނަކުން އަދި މައިދާގެ އިތުރުން ފުރަމޭވެސް ފޫއަޅުވާލައި އެތިކޮޅުތައް ނިކުމެފައިހުރިކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން މިޙަމަލާ ދިނުމުގައި ޙަރަކާތްތެރިވި 3 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އެންމެ އިސްކަމެއްދީގެން ތަޙުގީގުކުރާ މައްސަލައަށް ޓެރަރިޒަމާ ގުޅުންހުރި މިމައްސަލަވާއިރު ޙާމަލާގެ ފަހުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ ސަލާމަތީކަންކަން ވަނީ ވަރުގަދަކޮށްފައެވެ.