ދުނިޔޭގެ ވިޔަފާރި

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަލީބާބާއަށް ގެއްލުން


ކުންފުނީގެ ޙިއްޞާ ގަތުން އާންމުންނަށް ހުޅުވާލަށްފަހު ފުރަތަމަ ފަހަރަށް އެންޓި މޮނޯޕޮލީ ޖޫރިމަނާގެ ސަބަބުން ޗައިނާގެ އީ ކޮމާރސް ވިޔަފާރި ކަމަށްވާ އަލީބާބާ ގްރޫޕަށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެއްލުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ކޯވިޑްގެ ބަލިމަޑުކަމާއި ހެދި އޮންލައިން ވިޔަފާރި ރަނގަޅުވާނެކަމަށް ބަލައި އަންނަ އަހަރުގެ އާމްދަނީ އިތުރުވާނެކަމަށް އެކުންފުނިން ލަފާކޮށްފައިވާއިރު އެމެރިކާގައި އަލީބާބާގެ ޙިއްޞާގެ އަގު ވަނީ 3 އިންސައްތަ ދަށްވެފައެވެ. ނަމަވެސް ޗައިނާއިން ކަނޑައަޅާފައިވާ ވިޔަފާރީގެ އުޞޫލުތަކުން ކުންފުނީގެ އެންޓި ކޮމްޕެޓިޓިވް ބިޒްނަސް ޕްރެކްޓިސްތަކާއި ހެދި 2.8 ބިލިއަން ޑޮލަރު ޖޫރިމަނާއާއި އަލީބާބާއާއި ގުޅިފައިވާ ދެވަނަ ކުންފުނިކަމަށްވާ އޭންޓް ގްރޫޕްގެ އާންމުންގެ ޙިއްޞާގެ 37 ބިލިއަން ޑޮލަރު ސަސްޕެންޑްކުރުމާއި ގުޅިގެން ލަފާކޮށްފައިވާ ފައިދާއަށް ވަނީ ހިޔަނި އެޅިފައެވެ.

މި ޖޫރިމަނާގެ ސަބަބުން މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގައި ކުންފުންޏަށްވަނީ 7.66 ބިލިއަން ޔޫއާންގެ ގެއްލުން ލިބިފައެވެ.

މިއަންނަ އަހަރުގެ އަލީބާބާގެ އާމްދަނީ 930 ބިލިއަން ޔޫއާންއަށް އިތުރުވާނެކަމަށް އެކުންފުނިން ލަފާކޮށްފައިވާއިރު އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ކޯ ކޮމާރސްގެ އާމްދަނީއަށް 161.37 ބިލިއަން ޔޫއާންގެ ފައިދާއެއް ވަނީ ލިބިފައިވެއެވެ. ނަމަވެސް ކުންފުނީގެ ކްލައުޑް ކޮމްޕިއުޓިންގ ޔުނިޓު ވަނީ 37 އިންސައްތައިގެ ދަށްވުމެއްގައެވެ. ކުންފުނީގެ ޖުމްލަ އާމްދަނީ 4 ވަނަ ކުއާޓަރުގައިވަނީ 187.4 ބިލިއަން ޔޫއާނަށް އަރާފައެވެ.

މިދިޔަ އޮކްޓޫބަރުމަހު ޗައިނާގެ ވިޔަފާރީގެ އުޞޫލުތަކަށް ފާޑުކިޔައި ކުންފުނީގެ ފައުންޑަރ ޖެކް މާ ވާހަކަދެއްކި ފަހުން އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެކުންފުނީގެ ޙިއްޞާ އަގު ވަނީ 30 އިންސައްތައަށް ދަށްވެފައެވެ. މިގޮތަށް ޙިއްޞާގެ އަގު ދަށްވާން ފެށުމަކީ އުޞޫލުތަކާއިމެދު އިންވެސްޓަރުން ބިރުގަންނާނެ ކަމެއްކަމަށް ބްރޮކް ސިލްވަރ ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރ ވަނީ ވިދާޅުވެފައެވެ.