ވިޔަފާރި

އެމްޓީޑީސީގެ އަހަރީ އާއްމު ޖަލްސާ މިމަހު 29ގައި، ހިއްސާއަކަށް 80 ލާރި


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1400 ގައި މޯލްޑިވްސް ސެކުއުރިޓީ ޑިޕޮޒިޓަރީގެ "ފަހިވޯޓު" މެދުވެރިކޮށެވެ.

އެމްޓީޑީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މި ޖަލްސާގައި ބައިވެރިވުމަށް ހުރިހާ ހިއްސާދާރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ޖަލްސާގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ މުއްދަތުގައި އަމިއްލައަށް ބައިވެރިވުމަށް އަދި ޕްރޮކްސީގެ ގޮތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށްކަމަށް އެމްޓީޑީސީން ބުނެއެވެ. އެހެންކަމުން ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހުރިހާ ހިއްސާދާރުންވެސް މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރުމަށް އެމްޓީޑީސީން ވަނީ އެދިފައެވެ.

މިމަހުގެ 29 ވަނަ ދުވަހު އެމްޓީޑީސީގެ އަހަރީ ޖަލްސާ ބާއްވާއިރު، އެމްޓީޑީސީގެ 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ލާރި ބަހަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ 2020 ވަނަ އަހަރުގެ ކުންފުނީގެ ފައިދާއިން މޫނުމަތީ އަގު ގެ 10 ރުފިޔާގެ ހިއްސާއަކަށް 80 ލާރި ބެހުމަށް ފާސްކޮށްފައެވެ. މިއީ މިދިޔަ އަހަރު އެމްޓީޑީސީއިން ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށްވުރެ 30 ލާރި އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 50 ލާރިއެވެ.

އެމްޓީޑީސީން ބުނީ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށްކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށްކަމަށެވެ.

ޑިރެކްޓަރުންގެ ބޯޑުން ހިއްސާއަކަށް 80 ލާރި ބެހުމަށް ފާސްކުރިނަމަވެސް މިކަން ފާސްވާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.

އެމްޓީޑީސީ އަށް މިދިޔަ އަހަރު 50.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެމްޓީޑީސީ އިން ބުނީ މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 50.9 މިލިއަން ރުފިޔާއަކީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 115 ޕަސެންޓުގެ އިތުރު އަދަދެއްކަމަށެވެ.