ކުޅިވަރު

ބައިނަލްއަގުވާމީ ދެ މުބާރާތް ރާއްޖޭގައި ބޭއްވުމާއި ބެހޭގޮތުން މިމަހު ގޮތެއް ނިންމަންޖެހޭ - މޫސަ


މިއަހަރު އޮކްޓޯބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ދެ މުބާރާތް ރާއްޖޭގައި ބޭއްވުމާއި ބެހޭގޮތުން މިމަހުގެ ފަހުކޮޅުގައި ގޮތެއް ނިންމަންޖެހޭކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޮކްޓޯބަރ މަހު ރާއްޖޭގައި ބޭއްވުމަށް ތާވަލްކޮށްފައިވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސްއެވެ. މިގޮތުން މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 4 ކުން 10 އަކަށެވެ. އަދި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް މުބާރާތް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 11 އިން 17 އަށެވެ. މޫސަ ވިދާޅުވީ މިހާރު ރާއްޖޭގައި ކޯވިޑް ހާލަތު އޮތްގޮތުން ސަބަބުން ބެޑްމިންޓަން ވޯލްޑް ފެޑޭރޭޝަނާއެކު ދެ ފަހަރެއްގެ މަތިން މަޝްވަރާވެސް ކުރިވެފިފައިވާކަމަށެވެ.
މިހާރު ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އޮތް ގޮތުން މުބާރާތް ބޭއްވުމަށް ދެވަނަ ވިސްނުމަކަށް ދާންޖެހިފައިވާކަމަށާއި ހާއްސަކޮށް މުބާރާތް ބޭއްވުމަށް ނިންމާފައިވާ މާލޭގެ ހާލަތަށްބަލާއިރު، ރެކޯޑް އަދަދަކަށް ކޯވިޑް ކޭސްތައް އިތުރުވަމުން އަންނައިރު، މިއީ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއް ބޭއްވުމަށް އެންމެ ރަގަނޅު ދަނޑިވަޅަށް ނުވެދާނެކަމަށްވެސް ބެންޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވިއެވެ. ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މޫސާ ނާޝިދު ވިދާޅުވީ މިހާރު ޔޫރަޕާ އޭޝިޔާގެ ގައުމުތަކުގައި ކޯވިޑް-19ގެ ހާލަތަށް ބާލާއިރު، ގައުމުތަކުން ކުޅުންތެރިން ދަތުރުފަތުރު ކުރުމުގައި ގިނަ އުދަގޫތަކެއް މިހާރު ހުންނާނެކަމަށާއި އަދި ކަރަންޓީނުވެގެން އައިސް މުބާރާތް ކުޅުމަކީ އެހާ ފަސޭހަކަމެއްނޫންކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ޔޫރަފްގެ ގިނަ ގައުމުތަކުން މިހާރުވެސްވަނީ ބައެއް ގައުމުތަކަށް ކުރާ ދަތުރުފަތުރު ހުއްޓާލާފައެވެ. އަދި އަމިއްލަ ގައުމުގައިވެސް ދަތުރުފަތުރު ކުރުމުގައި ވަރަށް ގިނަ ކަންތައްތަކަށް ސަމާލުވުމަށް އަންގާފައިވޭ. މުބާރާތުގައި ބޮޑު މެޖޯރިޓީއަށް ބައިވެރިވާ އޭޝިޔާގެ ގައުމުތަކުގެ ހާލަތުވެސް މިހާރު ވަރަށް ގޯސްކަން ފާހަގަކޮށްލެވޭ. ބައެއް ގައުމުތައް ލޮކްޑައުންކޮށްފައިވާއިރު، އަނެއްބައި ގަތުމުތަކުންވަނީ ދަތުރުފަތުރު ކުރުން ހުއްޓާލާފައެވެ. 2019ވަނަ އަހަރު މާލޭގައި ބޭއްވި މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް މުބާރާތްތައްވެސް ޔޫރަޕުން އެކަނިވެސް 90އަށް ވުރެއް ގިނަ ކުޅުންތެރިން އައިސްފައިވެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވީ އެންމެ ފަހު ގަޑީގައި މުބާރާތް ނުބޭއްވޭނެކަމަށާއި އެންމެ މަތީލެވެލެގްގައި ކުޅޭ ކުޅުންތެރިންގެ ޝެޑިއުލްތައް ހަ މަސްކުރިން ނިންމާ، ވަރަށް ކުރިން ޓިކެޓްވެސް ބުކްކޮށް، އަދި ބައެއް ކުޅުންތެރިންެގ ޓިކެޓްވެސް ނަގާނެކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެންމެ ފަހު ވަގުތު މުބާރާތް ބާއްވަން ނިންމައިފިނަމަ، ވަރަށް ގިނަ ކުޅުންތެރިންނަށް ނާދެވޭނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މާލޭގެ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ރާވާފައިވާ ގިނަ މުބާރާތްތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި މިއަހަރުވެސް އެއްވެސް މުބާރާތެއް އެސޯސިއޭޝަނަކަށް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މާލޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ އެޗްޕީއޭގެ އެންގުމަށް މިހާރުވަނީ އެކުވެނި ބެޑްމިންޓަން ކޯޓު ވެސް ބަންދުކޮށްފައެވެ.