ޚަބަރު

ޢާންމުން ނުކުމެ މުޒާހަރާކުރުމުން އިންޑިޔާގެ 2 ރައްޔިތުން ދޫކޮށްލައިފި


ސްކޮޓުލެންޑުގެ ގުލާސްގޯގައި ޢާންމުން ނުކުމެ މުޒާހަރާކުރުމުން އިންޑިޔާގެ 2 ރައްޔިތުން ބަންދުން ދޫކޮށްލައިފިއެވެ.

މެއި މަހުގެ 13ވަނަ ދުވަހު ގުލާސްގޯގައި އިންޑިޔާގެ 2 ރައްޔިތުން ޙައްޔަރުކުރުމަށްފަހު އެ މީހުންވަނީ ފުލުހުންގެ އުޅަނދަކަށް އަރުވައިފައެވެ. ނަމަވެސް އެ މީހުންގެ އަވަށްޓެރިން އިސްނަގައިގެން ކުރަން ފެށި މުޒާހަރާ ބޮޑުވެ، ޢާންމުންގެ ނުރުހުން ފުލުހުންނަށް އަމާޒުވުމުން އެ 2 މީހުންވަނީ ވަގުތުން ދޫކޮށްލައިފައެވެ.

ސޮކޮޓުލެންޑުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ސުމިތު ސެހުދެވާއި މެކޭނިކެއްގެ މަސައްކަތްކުރާ ލަޚުވީރު ސިންހު ޙައްޔަރުކުރީ އިމިގުރޭޝަނުގެ ޤަވާއިދަކާ އެ މީހުން ޚިލާފުވެފައިވާކަމަށް ބުނެއެވެ. އުމުރުން 30 އަހަރުން މަތީގެ އެ މީހުން ސްކޮޓުލެންޑުގައި މަސައްކަތްކުރާތާވަނީ 10އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ.

ގުލާސްގޯގައި ދިރިއުޅޭ އެ މީހުން ޙައްޔަރުކުރުމަށް އިމިގްރޭޝަނުގެ 6 މުވައްޒަފުންނާއި ފުލުހުންވަނީ އެ މީހުން ދިރިއުޅޭ ގެއަށް ގޮސްފައެވެ. އެ މީހުން ޙައްޔަރުކޮށް ބަންދުގައި ބަހައްޓަން ގެންދިޔުމަށް އުޅަނދަކަށް އެރުވުމުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންވަނީ ފުލުހުންނަށް ހުރަސް އަޅައި އެ މީހުން ދޫކޮށްލުމަށް ގޮވައިލައިފައެވެ. އަދި 8 ގަޑިއިރަށް ދެމިގެންދިޔަ މުޒާހަރާއަށްފަހު ފުލުހުންވަނީ ޙައްޔަރުކުރި 2 މީހުންވެސް ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ. ފުލުހުން ބުނީ އެ މީހުން ދޫކޮށްލުމަށް ނިންމީ ޢާންމުންގެ މަސްލަހަތަށް އެންމެ ފައިދާހުރި ގޮތް ބެލުމަށް ފަހުކަމަށެވެ.