ޚަބަރު

އުދައާއި ވިއްސާރައިގައި ފެންބޮޑުވެގެން ގިނަ ރަށްތަކަކަށް އެހީވަނީ


މިހާރު ކުރަމުންދާ ވިއްސާރައިގައި އުދަ އަރާ ގިނަ ރަށްތަކެއްގައި ފެންބޮޑުވުމުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ފެން ހިންދުމުގެ މަސައްކަތްތައް ފަށާފައިވާއިރު ގޭގެއަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތްތައްވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ ފަށާފައެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްގެން ރިޕޯޓްކޮށްފައިވަނީ އުތުރުގެ ރަށްތަކުންކަމަށެވެ. މިގެތެރޭގައި ހއ.ހޯރަފުށި، ހއ.ދިއްދޫ، ހއ.އުލިގަމު، ހއ.ތުރާކުނު، ށ.މިލަންދޫ، ށ.ފުނަދޫ، ށ.ކޮމަންޑޫ އަދި ޅ.ނައިފަރު ހިމެނެއެވެ. މިރަށްރަށަށް އުދައެރުމުގެ ސަބަބުން ރަށުތެރޭގައިވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

އަދި ވިއްސާރައިގެ ހދ.ކުޅުދުއްފުއްޓަށްވެސް ބޮޑެތި ގެއްލުންތަކެއްވެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ ފަށާފައެވެ. އެގޮތުން ރަށްރަށުގެ ކައުންސިލާ ކަމާގުޅޭ މުޢައްސަސާތަކުގެ އެހީގައި ރަށްރަށުން ފެން ހިންދާ، ގެއްލުންތައް ވީހާވެސް ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފާ ރައްޔިތުން ގުޅިގެން ފެން ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ޑިޒާސްޓަރ މޭނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަތު ފިކުރީ ވިދާޅުވީ، އުދައިގެ ސަބަބުން ގޭގެއަށް ފެން ވަންނަމުން ދިޔަނަމަވެސް، ގެއަކަށް ބޮޑު ގެއްލުމެއް ލިބިގެން މިހާތަނަށް ރިޕޯޓްކޮށްފައިނުވާކަމަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ކުޅުދުއްފުށީގެ ބައެއް ގެތަކާ، ބައެއް ޚިދުމަތްދޭ ތަންތަނަށް ގެއްލުންވެގެންވަނީ އެހީތެރިކަން ދީފައެވެ. އަދި ހޯރަފުއްޓަށްވެސް އުދައިގެ ގެއްލުންތައްދަނީ ވަރަށް ބޮޑަށްކުރިމަތިވަމުންނެވެ. ޚާއްސަކޮށް އެރަށުގެ އެއަރޕޯޓް ސަރަޙައްދަށްދަނީ ގެއްލުންވަމުންނެވެ.

މިދިޔ ަަ 2 ދުވަހު ކުރި ވިއްސާރައިގައި ދެކުނުގެ ރަށްތަކަށްވެސް ވިއްސާރައިގެ ގެއްލުން ލިބިފައިވެއެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ ބުދަ ދުވަހުގެ ވިއްސާރައިގައި ފުވައްމުލަކުގެ 270 ގެއަށް ފެންވަދެ ފެންހިންދުމުގައި އެހީތެރިކަން ފޯރުކޮށްދިންކަމަށެވެ. އަދި އައްޑޫ ސިޓީގެ 176 ގެ އަށް އެހީތެރިކަން ދީފައިވެއެވެ.

އުމަރު ވިދާޅުވީ މިހާތަނަށް ލިބުނު ގެއްލުންތަކުގައި، ގޭގެއިން މީހުން ބަދަލުކުރަންޖެހޭ ޙާލަތަށް އަދި ގޮސްފައި ނުވާކަމަށެވެ. ނަމަވެސް ގޭގެއަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށް، ކައުންސިލްއާ ގުޅިގެން އެސެސްމަންޓްތައް ހަދަމުންދާކަމަށެވެ. އަދި ގެއްލުންތައް ބަލާ، ލިބުނު ގެއްލުންތަކަށް އެހީތެރިކަން ފޮރުކޮށްދެމުންދާނެކަމަށެވެ.