ޚަބަރު

ހުޅުމާލެ ގޮނޑުދޮަށް ހިމާޔަތްކުރުމަށް 138.3 މިލިޔަން ޚަރަދުވޭ


ހުޅުމާލެއަކީ މާލެ ސަރަހައްދުގެ އެންމެ ބިންބޮޑު
ސަރަހައްދުކަމަށްވާއިރު ހުޅުމާލޭގެ އައްސޭރިފަށް ހިމާޔަތްކުރުމުގެ މަޝްރޫއަކީވެސް
ހުޅުމާލެ ޑިވޮލޮޕްމެންޓް ޕްލޭންގައި ވަރަށް އިސްކަމެއްދީފައިވާ ކަމެކެވެ.



ރާއްޖޭގެ ގިނަ
ރަށްތަކަކީ ބިންތިރި ރަށްތަކަށް ވުމުން އުދައެރުމާއި އަދި މޫސުމީ ބަދަލުތަކުގެ
ސަބަބުން ދިމާވާ ރަށްގިރުންފަދަ ކަންކަމަށް ހުށައެޅިފައިވެއެވެ. ނަމަވެސް ހުޅުމާލެ
ތަރައްޤީކުރެވިފައިވަނީ މިކަންކަމަށް ބެލުމަށްފަހު އާއްމުކޮށް ރާއްޖޭގެ ގިނަ
ރަށްތައް ޤުދުރަތީގޮތުން ހުންނަ އުސްމިނަށްވުރެ ބިންގަނޑުއުސްކޮށެވެ.
ހަމަ އެހެންމެ ހިއްކާފައިވާ ސަރަހައްދުގެ ވެލިގަނޑު ހިފެހެއްޓުމުގެ ގޮތުން އެ
ސަރަހައްދުގައި ބޮޑު ހިލަ ޖަހާ ހިމާޔަތްކުރުމުގެ މަޝްރޫއަކީވެސް އެޗްޑީސީން އިސްކަމެއްދީގެން
ކުރިއަށްގެންދާ މަޝްރޫއެކެވެ.



ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިން
ހިއްކުމުގެ މަސައްކަތްތައް ނިމިފައިވާއިރު، ހިއްކާފައިވާ ބިން ހިމާޔަތް ކުރުމަށް، 6 ކިލޯ
މީޓަރުގެ ތޮއްޓެއް ލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެ މަޝްރޫއަށް 138.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ވާއިރު  މި މަޝްރޫއު ނިންމާލެވޭނެކަމަށް
އެޗްޑީސީން ލަފާ ކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.



ހުޅުމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ
މަޝްރޫއުތައް ކުރިޔަށްދާއިރު ހުޅުމާލޭގެ ހުޅަނގު ފަރާތު މައިތޮށީގެ އެތެރޭގައި ޔޮޓްމެރީނާއެއްވެސް
ތަރައްޤީކުރެވޭނެއެވެ. މިތަން ތަރައްޤީކުރެވިގެންދާނީ ދިވެހިން މީގެ ކުރިން
ތަޖްރިބާކޮށްފައި ނުވާހާ ފުރިހަމައަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިގޮތުން
ޔޮޓްމެރީނާގައި އެއްފަހަރާ 300 އެއްހާ ޔޮޓަށް މަޑުކޮށްލެވޭއިރު، މައި ތޮށީގެ
ބޭރުގައި ޤާއިމުކުރާ ކްރޫޒް ޓާމިނަލްގައިވެސް އެއްފަހަރާ 2 ކުރޫޒް ލައިނަރަށް ބަނދަރުކުރެވޭނެކަމަށް
އެޗްޑީސީން މައުލޫމާތުދެއެވެ.