ޚަބަރު

ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސް - މެޓު


ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓު އޮފީހުން ވިދާޅުވީ މިއީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި މުޅި ރާއްޖެއަށްވެސް މިވިއްސާރަ ކުރާނެކަމަށެވެ.

މުޅި ރާއްޖެއަށް ވިއްސާރަކުރަމުން އަންނައިރު ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް މޫސުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ރޭ ފަތިހުން ފެށިގެން މިސަރަޙައްދަށް ޔެލޯ އެލަރޓް ނެރެފައިވާއިރު މިވީ ގަޑިތަކުގެ ތެރޭގައިވަނީ 3 ފަހަރެއްގެ މަތިން ޔެލޯ އެލަރޓް ދަމަހައްޓާފައެވެ. އެންމެ ފަހުން މެޓު އޮފީހުން ނެރެފައިވާ ޔެލޯ އެލަރޓްވަނީ މެންދުރު 1245 އިން ފެށިގެން ހަވީރު 1630އާއި ހަމައަށް އިތުރުކޮށްފައެވެ. މެޓު އޮފީހުން ވިދާޅުވީ މިވަގުތުތަކުގައި ހއ.އިން ފެށިގެން ތ.އަތޮޅާހަމައަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށެވެ.

އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.

މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ރާޅުގެ އުސްމިން 4 ފޫޓާއި 8 ފޫޓާ ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް ބެލެވޭއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން އަދި އުދައިގެ އަސަރުކުރާ ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރައްވައެވެ.

ކުރިއަށް އޮތް ގަޑިތަކުގައިވެސް ރާއްޖޭގެ ހުރިހާ ހިސަބަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާތީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިންވަނީ ރައްކާތެރިކަމަށްޓަކައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ފެން ބޮޑުވާނެކަމަށް ލަފާކޮށް ގެއަށް ފެން ނުވަންނާނޭހެން ވެލިބަސްތާ ޖެހުމަށާއި ގޭތެރެއަށް ފެން ވަނުމުގެ ފުރުސަތު ބޮޑު ނަމަ ހިފާ ގެންގުޅޭ ތަކެތި ފެނުގެ އަސަރު ނުކުރާނެ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް ވަނީ އިރުޝާދުދެއްވާފައެވެ.

ވިލާގަނޑުގައި ވައިގަދަވާނެތީ ފުރާޅު އެއްލާލަފާނެކަމަށްޓަކާ ދުރާލާ އެކަމަށްވެސް ތައްޔާރުވުމަށް އެއޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ. އަދި މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ ބޭނުން ނުކުރާ ކަރަންޓުގެ ވަޞީލަތްތައް ނިއްވާލާފައި ބެހެއްޓުމަށްވެސް ވަނީ އިރުޝާދުދެއްވާފައެވެ.