ޑަޗް އެރެޑިވިސީ މިފަހަރު ކާމިޔާބުކުރި އަޔެކްސް އެމްސްޓަޑަމްއިން އެޓީމަށް ލިބުނު ލީގު ތަށި ވިރުވާލައި ސަޕޯޓަރުންނަށް ބެހުމަށް ތަރިތަކެއް އޭގެން ހަދައިފިއެވެ. މިގޮތުން ލީގު ތަށި ވިރުވާލައިގެން އަޔެކްސްއިންވަނީ 42 ހާސް ތަރި ހަދާފައެވެ.
އަޔެކްސްއިން ބުނީ މިސީޒަންގައި އެޓީމު ހުރިހާ މެޗެއް ހެން ކުޅެފައިވަނީ ސަޕޯޓަރުންނާއި ނުލާ ކަމަށާއި ނަމަވެސް ކްލަބްގެ ސަޕޯޓަރުންގެ ތާއީދު އެޓީމަށް އޮންނަވަރު އެފަރާތްތަކުންދިޔައީ ޓީމް ދަނޑަށް ދާއިރު އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ފުރިހަމަށް ހާމަކޮށްދެމުންކަމަށެވެ. އެހެންކަމުން މިފަހަރުގެ ތަށި އެކްލަބަށް ސަޕޯޓް ކުރާ ވީހާވެސް ގިނަ ފަރާތްތަކާއެކު ހިއްސާ ކުރުމަށްޓަކައި ލީގު ތަށި ވިރުވާލާ ތަރިތަކެއް ހެދުމަށް ނިންމީ ކަމަށެވެ. އަޔެކްސްގެ ޗީފް އެގްޒެކެޓިވް އެޑްވިން ވެންޑަރ ސާ ބުނީ މިތަރިތައް ބެހުމަށް ހަމަޖެހިފައި ވަނީ އަޔެކްސްގެ ދަނޑު ކަމަށްވާ ޔޯހާން ކްރައިފް އެރީނާގެ ސީޒަން ޓިކެޓް އޮންނަ ފަރާތްތަކަށެވެ. ވެންޑަރ ސާ ހާމަކުރިގޮތުގައި އެފަރާތުން އަބަދުވެސް ބުނަމުންދަނީ ތަށްޓަކީ ސަޕޯޓަރުންގެ އެއްޗެކޭ ކަމަށެވެ. މިފަހަރު މިކްލަބުން އަސްލުވެސް މިތަށްޓަކީ ސަޕޯޓަރުންގެ އެއްޗަކަށް ހަދަން ނިންމީ ކަމަށެވެ. މިފަހަރު އަޔެކްސް ކާމިޔާބުކޮށްފައި ވަނީ 35 ވަނަ ލީގު ތަށްޓެވެ.
އަޔެކްސްއިން މިގޮތަށް ނިންމުމާ ގުޅިގެން ރޯޔަލް ޑަޗް ފުޓްބޯލް އެސޯސިއޭޝަނުން މިހާރު ވަނީ އަޔެކްސްއަށް ސަޕޯޓަރުންނަށް ދައްކާލަން ބެހެއްޓުމުގެ ގޮތުން ލީގު ތަށީގެ އިތުރު ތަށްޓެއް އެކްލަބަށް ދީފައެވެ.