ޚަބަރު

މިދިޔަ 2 އަހަރުތެރޭގައި ކުށްކުރުމުގެ ހާލަތު ދަށަށްގޮސްފި- އުމަރު


މި ސަރުކާރު ވެރިކަމާ
ޙަވާލުވި ފަހުން ފާއިތުވި ދެ އަހަރުގެ ދުވަހުގެ ތެރޭގައި ޤައުމުގައި ހަމަޖެހުމާއި
ރައްކާތެރިކަން ޤާއިމުކުރެވި ރާއްޖޭގައި ކުށްކުރުމުގެ ޙާލަތު ދަށަށް ގޮސްފައިވާ
ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރ
މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން ހޯމް
މިނިސްޓްރީން ޙާސިލްކޮށްފައިވާ ކާމިޔާބީތަކާއި ގުޅޭ ގޮތުން
ވާހަކަފުޅުދައްކަވަމުންނެވެ.



ޕީއެސްމްއިން ގެނެސްދޭ ''ރައްޔިތުންގެ
ޚިދުމަތުގައި ދެ އަހަރު'' މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހޯމް
މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މި ސަރުކާރުން ސަރުކާރާ ޙަވާލުވިިއިރު  ޤައުމުގެ އަމަން އަމާންކަަމާއި ހަމެޖެހުން
ޤާއިމްކުރުމުގެ ދާއިރާގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.



މިނިސްޓަރ ވިދާޅުވީ، ރައީސް
ޔާމީންގެ ސަރުކާރު ވެރިކަމާ ޙަވާލުވެ މިއަދާ ހަމައަށް އައިރު، ރާއްޖޭގައި
ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމްކުރެވި ކުށްކުރުމުގެ ޙާލަތު 16 އިންސައްތަ
ދަށަށް ގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް 20
އިންސައްތަ ދަށްކުރެވިފައިވާ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ. 

 ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، އަމަން އަމާންކަން
ޤާއިމްކުރުމުގެ ދާއިރާއިން ފާއިތުވި ދެއަހަރު ބޮޑެތި ކާމިޔާބީތެކެއް މިސަރުކާރުން
ހޯއްދަވާފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ނުރައްކާތެރި ޙާދިސާތައް
ކުރިއަށްވުރެ މަދުވެ، ޚާއްސަކޮށް ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ޙަމަލާދިނުން
ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.



މިނިސްޓަރ ވިދާޅުވީ، ޖަލުގެ
ނިޒާމަށްވެސް ސަރުކާރުން އިންޤިލާބީ ބަދަލުތަކެއް މިހާރު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޖަލުތަކުގައި ތިބި ކުށްވެރިން 4 ބަޔަކަށް ބަހާލައި އެމީހުންގެ ވެސް
ނުރައްކާތެރިކަން ހުރި މިންވަރަަށް ބަލާ އެކި ޖަލުތަކަށް ބަދަލުކޮށްފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ. 



މީގެއިތުރުން ހިއްމަފުށީގައި
ޤާއިމްކޮށްފައިވާ މަސްތުވާތެކެތީގެ ރިހިބިލިޓޭޝަން ސެންޓަރުގެ ފެންވަރު
ރަނގަޅުކޮށް އެތަން އައުޓް ސޯސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ
އުމަރު ވިދާޅުވި އެވެ.

 މިނިސްޓަރ ވިދާޅުވީ، ހިއްމަފުށީގައި ހުރި ރިހިބިލިޓޭޝަން
ސެންޓަރާ ސަރުކާރުން ޙަވާލުވިއިރު އެތަނުގައި ތިބީ 50 ކްލައިޔަޓުން ކަމަށާއި
އެހެންނަމަވެސް މިހާރު 100 އަށް ވުރެ ގިނަ ކްލައިޔަޓުން އެތަނުގައި އެތިބި ކަމަށެވެ. 

 ހިއްމަފުށީ ރިހިބިލިޓޭޝަން ސެންޓަރު ވަރަށް އަވަހަށް ބަޔަކާ ޙަވާލުކުރެވޭނެ
ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައި އެވެ.



 ހޯމް މިނިސްޓްރީގެ ބަލަހައްޓަމުން ގެންދާ
ކައުންސިލްތަކާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން
ވެރިކަމާ ހަވާލުވިއިރު، ބައެއް ކައުންސިލްތަކުން ސަރުކާރުން ހިންގާ ތަރައްޤީޤެ
މަޝްރޫޢުތަކަށް ހިންގަން ހުރަސް އަޅަމުންދިޔަ ކަން ފާހަގަކުރެވުނު ކަމަށެވެ.
އެހެންމަވެސް ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލްތަކާއި ތަރައްޤީޤެ
މަޝްރޫޢުތަކަށް ހުރަސް އަޅާ ކައުންސިލްތަކާއި މެދު ފިޔަވަޅު އަޅަން ފެށިފަހުން، ކައުންސިލްތަކުންވެސް
ވަރަށް ބޮޑަށް ސަރުކާާރާ އެކީ ގުޅިގެން މަަސައްކަތް ކުރަމުންދާތަން ފެންނަމުން ދާ
ކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައި އެވެ.



އަދި 2016 ވަނަ އަހަރަށް ހޯމް
މިނިސްޓްރީއަށް ހިމަނުއްފާފައިވާ 2.1 ބިލިއަން ރުފިޔާގެ ބެޖެޓުން ހޯމް
މިނިސްޓްރީގެ ދަށުގައި ވާ ހަތް ދާއިރާ އިތުރަށް ތަރައްޤީކޮށް  ކުރިއަރުވާ، މައިގަނޑު ބޮޑެތި ބަދަލުތަކެއް
ގެންނެވުމަށް ނިންމަވާފައިވާ ކަމަށްވެސް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައި އެވެ.