ޚަބަރު

ހަމަލާއަށްފަހު ނަޝީދުގެ ފުރަތަމަ ފޮޓޯއާއި ޓްވީޓް : ސިއްހީ ދާއިރާއަށް ޝުކުރު


މިމަހުގެ 6 ވަނަ ދުވަހު އަމާޒުވި ބޮމުގެ ހަމާލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ޞިއްހީ ޚިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ބޮމުގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު، ޓްވިޓަރއާއި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ހެޔޮ ދުއާކުރަމުންނެވެ.

ބޮމުގެ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު މިރޭ 10:10 ގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ފުރަތަމަވެސް ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް މަރުހަބާއާއި ޝުކުރު އަދާކުރައްވާފައެވެ. އަދި ރައްޔިތުން އެދޭ ހެޔޮ ވެރިކަން ހޯދައިދިނުމުގައި ދެމިހުންނަވާނެކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ސިއްހީ ދާއިރާއަށް މަރުހަބާއާއި ޝުކުރު އަދާކުރެއްވިއިރު، މިއަދަކީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހެވެ. މީގެއިތުރުން އެމަނިކުފާނަށް އަމާޒުވި ބޮމުގެ ހަމަލާއާއި ގުޅިގެން އޭޑީކޭގައި ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު، ހުރިހާ ސާޖަރީތަކެއްވެސް ވަރަށް ކާމިޔާބުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުންނަށް އީދުގެ ތަހުނިޔާ އެމަނިކުފާނު ވަނީ ފޮނުއްވާފައެެވެ.

ހަމަލާއަށްފަހު ރައީސް ނަޝީދު ފުރަތަމަ ފަހަރަށް ޓްވީޓް ކުރެއްވިއިރު، އެމަނިކުފާނު ސިއްހީ ބައެއް ޚިދުމަތްތެރިންނާއެކު ފެންނަ ފޮޓޯއެއްވެސް މިހާރު ވަނީ އާއްމުވެފައެވެ. އެ ފޮޓޯއިން އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމަށް ފެނުނަސް، ލިބިވަޑައިގެންނެވި ބައެއް ޒަހަމްތަކުގެ ނިޝާން ފެންނަން ހުއްޓެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ތަހުޤީޤްތައް ކުރިއަށްދާއިރު، މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިކަމުގައި ޝާމިލުވާ އިތުރު ފަރާތްތައް ހޯދައި، އެފަރާތްތައްވެސް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.