ޚަބަރު

"މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް"


  • އެމަނިކުފާނު ބޭނުންފުޅު ވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދެއްވަންކަމަށް ވިދާޅުވި

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫންކަމަށާއި އެއީ ޤައުމުގެ ހެވާއި ލާބައަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ އެ ދުވަހުގެ މުނާސަބަތާ ގުޅުން ނެތް، ސިޔާސީ ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު މާޒީގައި ކަންވެފައި ހުރިގޮތާއި އެކަންކަން ރަނގަޅުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ހާމަކުރުން މުހިންމު ކަމަށެވެ. އެގޮތުން، ހަމައެކަނި ސިޔާސީ ގޮތުން މިނިވަންކަން ލިބިގެން ރައްޔިތުންނަށް ހަގީގީ މިނިވަންކަމުގެ އިހުސާސް ނުކުރެވޭނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި މިނިވަންކަން ހޯދައިދެއްވުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޚާރިޖީ ގޮތުންނާއި ދާޚީލީ ގޮތުންނާއި ތަރައްގީ އާއި ތަމައްދުނުގެ ގޮތުންވެސް މިޤައުމަކީ މިނިވަން ޤައުމަކަށްވުން މުހިންމު ކަމަށެވެ. އަދި ރާއްޖެއާއި ބޭރު ޤައުމުތަކާ އޮންނަ ގުޅުމަކީ މިނިވަންކަމުގައި މުހިންމު ބައެއް ކަމަށާއި ކުރީގެ ބައެއް ސަރުކާރުތަކުން ގެންގުޅުއްވި ޚާރިޖީ ސިޔާސަތުތަކަށް އަލިއަޅުއްވާލެއްވީ ކަމުގެ ހަގީގަތް ހާމަކޮށްދެއްވުމަށެވެ.

"އެގޮތުން އަޅުގަނޑު ފާހަގަކުރީ އެމްޑީޕީ ސަރުކާރެއް އަންނަ ކޮންމެ ފަހަރަކު އިޒްރޭލާ ގާތްކަމާއި އަރަބިންނާއި މުސްލިމުންނާއި ދުރުކަމާއި، ވަކި ޤައުމުތަކެއް އިސްކުރާ ކަމާއި، ނޫނިއްޔާ ބައެއްފަހަރު ގާތްގަނޑަކަށް އަޅުގަނޑު އެ ދުވަހު "މިނިވަން ދުވަހު" ފާހަގަކުރިން ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތަކޭ. މިކަންކަމަކީ ފެކްޓް. ފެންނަން ހުރި ހަގީގަތް،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގެ ޚާރިޖީ ސިޔާސަތު އޮންނަންވާނީ އަމިއްލަ މުސްތަގިއްލުކަމާއެކު ދިވެހީން އިސްކުރެވިގެން ބައްޓަންކުރެވިފައި ކަމަށެވެ. އެގޮތުން، އެމަނިކުފާނު ޚާރިޖީ ސިޔާސަތު އަބަދުވެސް ގެންގުޅުއްވާނީ އެއްވެސް ބަދަލެއް ނުގެނެސް ދިވެހިން އިސްކުރުމުގެ ޕޮލިސީގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އެއްވެސް ގޮތަކަށް ރައްޔިތުން ކުށްވެރިނުކުރައްވާ ކަމަށާއި އެވާހަކަ ދެއްކެވީ ޤައުމުގެ ހެވާއި ލާބައަށްޓަކައި ޤައުމުގެ ކަންކަން އިސްލާހުކުރުމުގައި އިޚްލާސްތެރިކަމާއި ހެޔޮ ނިޔަތުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.