ޚަބަރު

މިރޭވެސް މޫސުން ގޯސް، މޫސުމަށް ސަމާލުވޭ!


ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވެ މޫސުން ގޯސްވެއްޖެއެވެ. މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިހާރުވަނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް އޮރެންޖް އެލަރޓް ނެރެފައެވެ. އަދި ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހިސާބާށް ޔެލޯ އެލަރޓް ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މިރޭ 7 އަކުން ފެށިގެން 9 ޖެހުމާ ހަމައަށް މިދެސިޓީއަށް އޮރެންޖް އެލަރޓް ނެރެފައެވެ. މިވަގުތުތަކުގައި ބޯކޮށްވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަ ވާނެކަމަށް މެޓު އޮފީހުންވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިރޭ 7 އަކުން ފެށިގެން 10 ޖެހުމާހަމައަށް މިސަރަޙައްދުގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން މިވަގުތު ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ވާރޭ ވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.
މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ. ރާއްޖޭގެ ކަނޑުތައް ޢާއްމުގޮތެއްގައި ގަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 8 ފޫޓާ ދެމެދުގެ އުސްމިނުގައިކަމަށް މެޓުން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ ކަނޑުގެ ބާނިތައް ބޮޑުވުމުން ބައެއް ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައެރުން އެކަށީގެންވާކަމަށެވެ.

މޫސުން ގޯސްވެ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުންވެސްވަނީ އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ކަނޑު ދަތުރަށް ނިކުން އުޅަނދުތަކުން ޚާއްސަ ސަމާލްކަމެއް ދިނުމަށްވަނީ އެދިފައެވެ. އެގޮތުން ކަނޑުމައްޗަށް ނިކުންނައިރު މުސުމާބެހޭ މަޢުލޫމާތު ހޯދުމާއި، ދަތުރާ ގުޅޭ މަޢުލޫމާތު ޙިއްސާކުރުމާ، އުޅަނދުގައި ލައިފްޖެކެޓާ، މުއާސަލާތީ ވަސީލަތް ހަމަތޯ ޗެކް ކުރުމާ، ދިޔަ ހިއްކޭނެ ގޮތެއް ހުރިކަން ކަށަވަރުކޮށްގެން ނޫނީ ދަތުރަށް ނުފުރުމަށްވަނީ އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.