ޚަބަރު

ޒީނާރުގެ އައު ފޮތެއް ރައީސްގެ އަނބިކަނބަލުން ނެރެދެއްވައިފި


އަލްމަރުޙޫމާ ނާއިލާ އިބްރާހިމް ކަލޭފާނު ލިޔުއްވާފައިވާ ޒީނާރު ފޮތުގެ އައު ޢަދަދެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނެރެދެއްވައިފިއެވެ.

ވަރޗުއަލްކޮށް މިފޮތް ނެރެދެއްވާ ދެއްވި ޚާއްސަ މެސެޖުގައި ރައިސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ މިފޮތް ރޯދަމަހާ ދިމާކޮށް ނެރުމަށްޓަކާ ތައްޔާރުވީނަމަވެސް ނާއިލާ އަވަހާރަވުމާއި ގުޅިގެން ފޮތް ނެރުން މަޑުޖައްސާލަން ޖެހިވަޑައިގަތީކަމަށެވެ.

ފަޒްނާ ވިދާޅުވީ އަލްމަރުޙޫމާ ނާއިލާ އިބްރާހިމް ކަލޭފާނު ލިޔުއްވާފައިވާ މިފޮތަށް އެކަމަނާގެ ދަރިކަނބަލުން ލީނާ އަޙްމަދު ޒާހިރު އިތުރު ކައްކާ ރެސިޕީތަކެއް އިތުރުކުރައްވާފައިވާކަމަށެވެ. ޒީނާރު ފޮތުގެ ފެށުމުގައި ނާއިލާ އިބްރާހިމް ކަލޭފާނު ވަނީ މިފޮތް އެކަމަނާގެ ދެ އަންހެން ދަރިކަނބަލުންނަށާއި މުދައްރިސެއްގެ ޙައިސިއްޔަތުން ކިޔަވާދެއްވާފައިވާ އަދި ކިޔަވައިދެއްވަމުން ގެންދެވި ހުރިހާ ދަރިވަރުންނަށް ޚާއްސަ ކުރައްވާފައެވެ.

ފޮތް ނެރެދެއްވާ ދެއްވި މެސެޖުގައި ރައީސްގެ އަނބިކަނބަލުން ވަނީ ކިޔަވައިދެއްވުމުގައި އަލްމަރުޙޫމާ ނާއިލާ އިބްރާހިމް ކަލޭފާނު ގެންގުޅުއްވާފައިވާ ޚާއްސަ އުކުޅުތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ކުދިންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުއްވާ ހުރިހާ ކުދިންނާވެސް ސަމާސަ ކުރައްވާ އޯގާތެރި މުދައްރިސެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ މަންހަޖަށް އޭރުވެސް ޢަމަލީގޮތުން މަސައްކަތްކުރެއްވި މުދައްރިސެއްގެ ގޮތުގައި ފަޒްނާ ވަނީ މަރްހޫމާ ނާއިލާ ސިފަކުރައްވާފައެވެ.

ރާއްޖޭގެ އެތައް ދަރިވަރުންނަކަށް ކިޔަވާ ދެއްވާފައިވާ ނާއިލާ އިބްރާހިމް ކަލޭފާނުގެ "ޒީނާރު" ފުރަތަމަ ނެރެފައިވަނީ މީގެ 30 ވަރަކަށް އަހަރުކުރިންނެވެ. ކެއްކުމަށް ބޭނުންކުރާނެ އެތައް ރެސިޕީއަކާއެކު މިފޮތް ނެރެފައިވާއިރު މިއީ އެތައް ދިވެހިންނެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ފޮތެކެވެ. ފޮތުގެ އައު ޢަދަދު ނެރެފައިމިވަނީ މިއަހަރުގެ ފިތުރު ޢީދާ ދިމާކޮށެވެ. އަދި މިފޮތުގެ ބޭނުން ދިވެހި ބަދިގެތަކުގައި އެކި މުނާސަބަތުތަކާއި ގުޅިގެން ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ .

އަލްމަރުޙޫމާ ނާއިލާ އިބްރާހިމް ކަލޭފާނު އަވާހާރަވެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ. ތަޢުލީމީ ދާއިރާއިންނާއި އިޖުތިމާޢީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ނާއިލާ މިސްވަނީ 1970 ވަނަ އަހަރުން ފެށިގެން 25 އަހަރު ވަންދެން އަމީނިއްޔާ ސްކޫލްގައި މިދައްރިސެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. މީގެއިތުރުން އެކަމަނާއަކީ ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިސްކޮށް ހުންނަވައިގެން އުފެއްދި ސޯސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން، ޝީގެ ފައުންޑަރ މެމްބަރެކެވެ.