ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ލޯކަލް ގަވަރަމެންޓް އޮތޯރިޓީގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
އެކޯޓުން މި އަމުރު ނެރެފައި މިވަނީ ކައުންސިލް އިންތިޚާބާއި ގުޅިގެން ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީ ހުށައެޅި އިންތިޚާބީ ޝަކުވާގެ މައްސަލާގައެވެ.
ހައިކޯޓުން ނެރުނު އަމުރުގައި ވަނީ އެކޯޓަށް ހުށައަޅާފައިވާ މައްސަލަ ނިމުމުގެ ކުރިން ގއ. ކޮނޑޭ، ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ އެ ވޯޓާއި ގުޅިގެން މައްސަލަ ހުށައަޅާފައިވާ ޝުއައިބު މުހައްމަދު ދީދީ އާއި އިންތިޚާބުގައި ވާދަކުރި އެހެން ކެނޑިޑޭޓުންގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެކަމެއްކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓާއި ގުޅޭ ގޮތުން އެކޯޓުން ބަލަމުންދާ މައްސަލާގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވެންދެން ނުވަތަ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ކޮނޑޭ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ލޯކަލް ގަވަރަމެންޓް އޮތޯރިޓީގެ މައްޗަށް އަމުރުކޮށްފައެވެ.
މިދިޔަ މަހު 10 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުގައި ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް 3 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ ދައްކާގޮތުން އެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރި ކެނޑިޑޭޓް އަހްމަދު އަބްދުލް ހަކީމްމެވެ. އޭނާއަށް ލިބިފައިވަނީ 130 ވޯޓެވެ. ދެވަނައަށް ގޮސްފައިވަނީ ހައިކޯޓްގައި ހިގަމުންދާ މައްސަލަ ހުށައެޅި ޝުއައިބު މުހައްމަދު ދީދީއެވެ. އަމިއްލަ ގޮތުން ވާދަކުރި ޝުއައިބު މުހައްމަދު ދީދީގެ މައްޗަށް ގޮނޑި ކާމިޔާބުކުރި އަހްމަދު އަބްދުލް ހަކީމް ކުރި ހޯދާފައިވަނީ އެންމެ 2 ވޯޓުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތަކުގެ އިންތިޚާބުގެ ދާއިމީ ނަތިޖާ އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އަދި ކައުންސިލަރުންގެ ހުވާކުރުން އޮންލައިންކޮށް މިމަހުގެ 17 ވަނަދުވަހު ބޭއްވުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން އަންނަނީ ތައްޔާރުވަމުންނެވެ.