ޚަބަރު

އިސްރާއީލުން ވަނީ ޤާނުނުތައް މުގުރާފައި، މިތިބީ ފަލަސްތީނާއި އެކު - ރައީސް


އިރުމަތީ ގުދުސް ޝެއިހް ޖައްރާގައި އުޅޭ ފަލަސްތީނު ރައްޔިތުން އެމީހުން ގެތަކުން ނެރުމަށް އިޒްރޭލުން ހިންގާ ލާ އިންސާނީ އަމަލުތައް ކުށްވެރިކުރައްވާ ފަލަސްތީނު ރައްޔިތުންނާއި އެކު ދިވެހިން އަބަދުވެސް ތިބޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހާމަކުރައްވައިފިއެވެ. ރައީސް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާމެދު އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އުޞޫލުތަކާ ޚިލާފު ޢަމަލުތަކެއްކަމަށެވެ.


އިރުމަތީ ގުދުސް ޝެއިހް ޖައްރާގައި އުޅޭ ފަލަސްތީނު ރައްޔިތުން އެމީހުން ގެތަކުން ނެރެން މަސައްކަތް ކުރަން ފެށުމުން ފަލްސްތީނު ރައްޔިތުންވަނީ ދެކޮޅު ހަދާ މުޒާހަރާކުރަން ފަށާފައެވެ. އެއާއި އެކު އިޒްރާއިލު ސިފައިންދަނީ ބާރުގެ ބޭނުންކޮށް އެތައް ބަޔަކު ޝަހީދުކޮށްލައިފައެވެ. އަދި އިޒްރާއިލު ސިފައިންވަނީ މުސްލިމުންގެ ތިންވަނ ހަރަމްފުޅު އަގްސާއަށް ވަދެ އެ މިސްކިތުގެ ބައެއް ސަރަހައްދުތަކާއި މިސްކިތުގައި ހުރި މުސްހަފްތަކުގައި ރޯކޮށް އަނދާލާފައެވެ. އަދި އެއާއި އެކު ޖަމަނުޖެހުން ބޮޑުވެ އާއްމުންނަށް ރޮކެޓް ހަމަލާތައްވެސް އިޒްރޭލުން އަންނަނީ ދެމުންނެވެ.

އިސްރާއީލްގެ ޢަމަލުތައް ކުށްވެރިކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، އިރުމަތީ ގުދުސްގައި ޔަހޫދީން އާބާދު ކުރުމުގެ މަޝްރޫއުގެ ތެރެއިން ޝެއިހް ޖައްރާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުން އެމީހުންގެ ގެތަކުން ގަދަބާރުން ބޭރުކުރުމާއި، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާއަށާއި، އެތަނުގައި ނަމާދުކުރަމުންދިޔަ މުސްލިމުންނަށް އިސްރާއީލް ސިފައިން ޙަމަލާދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި އިސްރާއީލްގެ އެ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ގޮތުން ހެދިފައިވާ ޤާނޫނުތަކާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށާއި، އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޓުވީޓުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައިކަން ވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާއިން އެއްވެސް މީހަކަށް ނުނިކުމެވެވޭނެހެން މިސްކިތުގެ އެތެރޭގައި އެތައް ސަތޭކަ ބަޔަކު ބަންދުކޮށްފައެވެ. އަދި އިސްރާއީލުގެ ފައުޖުތަކުން ދަނީ މިސްކިތާއި އެތަނުގެ ވަށައިގެންވާ ޢިމާރާތްތަކުގައި ތިބި ފަލަސްޠީނުގެ ޢާންމުންނަށް ޙަމަލާ ދެމުންނެވެ. ރަބަރު ވަޒަނާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން ދެމުންދާ ޙަމަލާތަކުގައި 300 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ.

ފަލަސްޠީނާ އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މައްސަލަ އިތުރަށް ގޯސްވީ މެއި މަހުގެ 7ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000 އަށްވުރެ ގިނަ މުސްލިމުން އަޤްޞާއަށް ގޮސް، އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލުމުންނެވެ. އިސްރާއީލުގެ ފައުޖުތަކުން އެ ދުވަހު ދިން ޙަމަލާތަކުގައި 205 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ.

އޭގެ ފަހުން އިސްރާއީލުގެ އަނިޔާވެރިކަން އެންމެ ބޮޑުވެފައިވަނީ މެއި މަހުގެ 10ވަނަ ދުވަހުއެވެ. އެ ދުވަހު ރަބަރު އުންޑައާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން އިސްރާއީލުގެ ސިފައިން ދިން ޙަމަލާތަކުގައި 300 މީހުން ޒަޚަމްވިއެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުތަކުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފައިވަނިކޮށެވެ.