ޚަބަރު

މި ފަހަރު ތަޙްޤީޤުކުރަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ދަތުރެއްގެ މައްސަލައެއް


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ޤައުމުން ބޭރަށް ކުރައްވާފައިވާ އަމިއްލަ ދަތުރުފުޅުތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައިވާ ގޮތް އެ ޤައުމުގެ ޤަނޫނުހަދާ މަޖިލީހުގެ ސްޓޭންޑާޑުސް ކޮމިޝަނުން ތަޙްޤީޤުކުރަން ފަށައިފިއެވެ.

ސްޓޭންޑާޑުސް ކޮމިޝަނުން އަލަށް ފަށާފައިވާ ތަހުޤީޤުތަކުގެ ލިސްޓެއްގައި ޖޮންސަންގެ ނަންފުޅުވަނީ ހިމަނައިފައެވެ. ކޮމިޝަނުން ބުނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން ޢަމަލުކުރަންޖެހޭ މިންގަނޑާ އެމަނިކުފާނު ޚިލާފުވެފައިވޭތޯ ބަލަމުންދާކަމަށެވެ. ކޮމިޝަނުން ބުނީ ތަޙްޤީޤުކުރަނީ ޖޮންސަން ޤައުމުން ބޭރަށް ކުރައްވާފައިވާ ދަތުރެއްގެ މައްސަލަކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްޞީލެއް ދީފައެއް ނުވެއެވެ.

އެއާއެކު ޖޮންސަންގެ މާލީ ޚަރަދުތަކަށް އޮތް ސަމާލުކަންވަނީ އަނެއްކާވެސް އިތުރުވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން އެ ޤައުމުގެ އިންތިޚާބާބެހޭ ކޮމިޝުންވަނީ ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅު މަރާމާތުކުރުމުގައި ޚަރަދުކުރައްވާފައިވާ ގޮތްވެސް ތަޙްޤީޤުކުރަން ފަށައިފައެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުންވަނީ ސަރުކާރަށް ޚިޔާނާތުގެ ތުހުމުތުކޮށް ޤަވާއިދާ ޚިލާފަށް ސަރުކާރުން ޢަމަލުކުރަމުންދާކަމަށް ބުނެފައެވެ.

ސަރުކާރުގެ ވެރިން އަމިއްލަ ޚަރަދުގައި ނުވަތަ ދަޢުލަތުގެ ޚަރަދުގައި ނޫންގޮތަކަށް ކުރާ ހުރިހާ ދަތުރުފަތުރެއް ޤާނޫނުހަދާ މަޖިލީހުގައި ދަފްތަރުކުރަން ޖެހެއެވެ. 2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26ވަނަ ދުވަހުން 2020ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 5ވަނަ ދުވަހަށް ޖޮންސަންވަނީ ކެރީބިޔަންގައި ޗުއްޓީ ހޭދަކުރައްވައިފައެވެ. އެ ޗުއްޓީގެ މަޢުލޫމާތު އޭނާވަނީ ޤާނޫނުހަދާ މަޖިލީހާ 2020ވަނަ އަހަރުގެ ތެރޭގައި ޙިއްޞާކުރައްވައިފައެވެ. ޤަނޫނުހަދާ މަޖިލީހުގެ ދަފުތަރުން ދައްކައި ގޮތުގައި އެ ދަތުރުގައި ޖޮންސަން ހުންނަވާފައިވާ ހޮޓާޓަކަށް ފައިސާ ދައްކާފައިވަނީ ކާފޯން ވެޔާހައުސް ކިޔާ ވިޔަފާރިއެއްގެ ބާނީންގެ ތެރޭގައި ހިމެނޭ ޑޭވިޑު ރޮސްއެވެ. އޭނާވަނީ އެކަމަށް 15،000 ޕައުންޑު ޚަރަދުކޮށްފައެވެ.

ދަތުރުގެ މައްސަލައިގައި މިންގަނޑާ ޚިލާފުވެފައިވާކަން ސާބިތުވެއްޖެނަމަ ޖޮންސަން މަޢާފަށް އެދިވަޑައިގަންނަވަން ޖެހޭނެއެވެ. އަދި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ބާރު ލިބިގެންވާ ކޮމިޓީއަކަށް އެ މައްސަލަ ފޮނުވުންވެސް އެކަށީގެންވެއެވެ.