ޚަބަރު

ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން މިރޭ އޮންނާނެ


މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްބާއްވާ ޖަލްސާ މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީ ވިދާޅުވެއްޖެއެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މީލާދީ ގޮތުން މޭއި މަހުގެ 13ވާ ބުރާސްފަތި ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ 2045ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި އޮންނާނެކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.

ހަނދުބެލުމުގެ ކަންކަން އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދުބެލުމަށް ދިޔުމާއި ހަނދު ފެނުނުކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ.

ރާއްޖޭގައި ޢާއްމުކޮށް އޮންނަ އުސޫލަކީ އިސްލާމީ ބޮޑެތި ޤައުމުތަކަށް ހަނދު ފެންނަކަމަށް އެޤައުމުތަކުގެ ފަލަކީ އިދާރާތަކުން ޢިއުލާންކުރުމުން ރާއްޖޭގެ މޫސުން އެދުވަހެއްގައި އޮތް ގޮތަކަށްވެސް ރިޢާޔަތްކޮށް ހަނދު ސާބިތުކުރުމެވެ. ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތު ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.