ޚަބަރު

2016ގެ ބަޖެޓަކީ އިޤްތިސާދީ ގޮތުން ހަރުދަނާ ބަޖެޓެއް- މެމްބަރުން


އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ އިޤްތިސާދީ ގޮތުން ހަރުދަނާ ބަޖެޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން މެމްބަރުން ވިދާޅުވީ، އަންނައަހަރަށް ލަފާކުރައްވާދައުލަތުގެ ބަޖެޓަކީ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި މަޝްރޫޢުތަކެއް ހިމަނުއްވާފައިވާ، ދަރަނި ކުޑަ ބަޖެޓެއްކަމެއްކަމަށެވެ. އަދި ބަޖެޓުގެ އަމާޒު ހުރީ ރަނގަޅަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްގެ ފުރަތަމަ ދުވަހު ބައެއް މެމްބަރުން ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށާއި،މިބަޖެޓުގައި ރައްޔިތުންގެ ހެވާއި ލާބަޔަށް، އަދި ދައުލަތަށް ފައިދާވާ ގޮތަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ހިމަނުއްވާފައިވާކަމަށެވެ. ބައެއް މެންބަރުން ވިދާޅުވީ، ރައްޔިތުން ކަންބޮޑުވާނެ އެއްވެސް ކަމެއް ބަޖެޓުގައި ނެތް ކަމަށާއި، ހަމަހަމަކޮށް ބަޖެޓުގައި ދާއިރާތަކަށް ފައިސާ ހިމަނުއްވާފައިވާކަމަށެވެ. ދާއިރާތަކުގެ ކުރިއެރުމަށް ބޭނުންވާ ފައިސާ ބަޖެޓްކުރައްވާފައިވާކަމަށާއި، ބޮޑެތި މަޝްރޫޢުތައް ބާރަށް ކުރިއަށްގެންގޮސް ސަރުކާރުގެ ވަޢުދުތައް ފުއްދާނެކަމަށްބައެއް މެމްބަރުން ގެންދެވީ ވިދާޅުވަމުންނެވެ. ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ އިޤްތިޞާދު ބަލިކަށިނޫންކަމަށެެވެ. އިދިކޮޅު ޕާރޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން މިއަދު ވާހަކަފުޅުދައްކަވަމުން ބަޖެޓްގެ ބައެއް ކަންކަމަށް ވަނީ ފާޑުވިދާޅުވެފައެވެ. ބަޖެޓުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދާއިރު، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މަސައްކަތް މިމަހުގެ ބާވީސް ވަނަ ދުވަހުގެ ނިޔަލަށްނިންމެވުމަށް ބަޖެޓް ކޮމިޓީން ދަނީ މަސައްކަތްކުރަމުންނެވެ. ބަޖެޓް ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާއެކު ރިޔާސަތުން ވަނީ ބަޖެޓްގެ ބަހުސްކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ގޮތް އިޢުލާންކުރައްވާފައެވެ. މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދު ވިދާޅުވީ، އާންމުކޮމިޓީގެ ލަފަޔާއެކު ކޮންމެ މެމްބަރަކަށްވެސް ފަނަރަ މިނެޓްގެ ވަގުތު ދެއްވާނެކަމަށެވެ.