ކުޅިވަރު

މުބާރާތްތައް ކުރިއަށް ގެންދެވޭނީ ކޯވިޑުން އަރައިގަނެވިގެން - ވިޝާމް


ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން މިއަހަރު ކުރިއަށްގެންދާނެ މުބާރާތްތައް އެގޭނީ ކޯވިޑް-19އިން އަރައިގަނެ، މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ލިބުމުންކަމަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު އެއްކޮށްކަހަލަ ގޮތަކަށް ބާސްކެޓްގެ މުބާރާތެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި މިއަހަރު އެޗްޕީއޭއިން ދިން ލުއިތަކާއިއެކު، ބައެއް ކުލަބްތަކުން ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއިއެކު އެކުވެނި އައުޓް ޑޯ ބާސްކެޓް ކޯޓވަނީ ބަންދުކޮށްފައެވެ. އައުޓްޑޯ ބާސްކެޓް ކޯޓް ބަންދު ކުރުމުގެ ކުރިން ވެޓްރަންސް މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދިޔައެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވީ މިއަހަރުވެސް ގިނަ މުބާރާތްތަކެއް ބޭއްވުމަށް ތާވަލްކޮށްފައިވާނެކަމަށާއި ނަމަވެސް ކޯވިޑް-19އިން އަރައިގަނެވިގެން ނޫނީ މުބާރާތް ކުރިއަށްގެންދެވެން ނެތްކަމަށެވެ. ކޯވިޑުން އަރައިގަނެ، މިހާރު ވެކްސިން ދިނުމަށް ބޭނުން ކުރާ ސޯޝަލް ސެންޓަރު ހުސްވެގެން ނޫންގޮތަކަށްވެސް މުބާރާތްތައް ކުރިއަށް ނުގެންދެވޭނެކަމަށާއި އެންމެ ފުރަތަމަ ވިސްނުންހުރީ ރައްތާތެރިކަމަށް ކަމަށް ވިޝާން ބުންޏެވެ. ކޮންމެ އަހަރަކުވެސް މުބާރާތްތައް ކުރިއަށް ނުދާ ދުވަސްވަރު، އެސޯސިއޭޝަނުން ކޯޗިން ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. ޖެނެރަލް ސެކެޓްރީ ވިޝާން ރަޝީދު ވިދާޅުވީ މިއަހަރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަތަރު ކޯޗިން ޕްރޮގްރާމު ކޯވިޑް-19ގެ ސަބަބުން ކުރިއަށް ނުގެންދެވިފައިވާކަމަށެވެ. ގިނަ ބަޔަކު އެއްތަނަކަށް އެއްކޮށްގެން ކޯޗިން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަކީ ރައްކާތެރިކަމަކަށް ނުވާތީ މިއަހަރުގެ ކޯޗިން ޕްރޮގްރާމުތައް ކުރިއަށް ގެންދެވިފައެއް ނުވާކަމަށެވެ.

ބާސްކެޓް ބޯލް އެސޯސިއޭޝަންއިން މިއަހަރުގެ ކުރީކޮޅުގައިވަނީ ސްޓެޓިކް ކޯހަކާއި، ޖޫނިއަރ ރެފްރީ ކޯހަކާއި ޖޫނިއަރ ކޯޗިން ލައިސަންސް ކޯޗިން ކޯހެއްގެ އިތުރުން 5 ރަށެއްގައި ވައިޑީޕީ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް މިއަހަރުގެ ކުރީކޮޅުގައި ރާވާފައިވާކަމަށް މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވިއެވެ. ވައިޑީޕީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުޅުދުއްފުށި، ދިއްދޫ، ތިނަދޫ، ފުވައްމުލަށް އަދި ހިތަދޫގައެވެ. އަދި މީގެތެރެއިން ހުރިހާ ރަށަކަށް ބާސެކްޓް އައުޓްޑޯ ކޯޓް އެޅުމަށް ބޭނުންވާ ސާމާނު ފޮނުވާފައިވާކަމަށާއި ނަމަވެސް ކޯވިޑް ސަބަބުން މަސައްކަތް ކުރިއަށް ނުގެންދެވިފައިވާކަމަށް ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވިއެވެ. އަދި ފުވައްމުލަށް އަދި އައްޑޫ ސިޓީ ހިތަދޫގައި ކޯޓް އެޅުމަށް މަސައްކަތް ފަށާފައިވާކަމަށާއި މަސައްކަތް ހުއްޓާލަން ޖެހިފައިވަނީ ކޯވިޑް-19ގެ ސަބަބުންނެވެ.

ވިޝާމް ރަޝީދު ވިދާޅުވީ އާންމުކޮށް ކުރިއަށްގެންދާ މުބާރާތްތައް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ކަލަންޑަރުގައި ހިމަނާފައިވާކަމަށާއި ނަމަވެސް ކޮވިޑް-19ގެ ހާލަތުން އަރައިގަނެ، އެޗްޕީއޭއިން މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ލިބުނުހާ އަވަހަކަށް، ކަލަންޑަރު އަލުން ރިވިއުކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވިއެވެ.