ޚަބަރު

ޙަމާސް ޖަމާޢަތުން އިސްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދީފި


އިސްރާއީލަށް އަމާޒުކޮށް ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ގިނަ ޢަދަދެއްގެ ރޮކެޓު ޙަމަލާތަކެއް ދީފިއެވެ.

ޙަމާސުން ޙަމަލާ ދީފައިވަނީ މަސްޖިދުލް އަޤްޞާ ހިމެނޭ ސަރަޙައްދުން އިސްރާއީލުގެ ފައުޖުތައް ފަހަތަށް ޖެހުމަށް ދީފައިވާ މުޙުލަތު ފަހަނައެޅުމުންނެވެ. ޙަމާސުން ދިން ޙަމަލާތަކުގެ ރައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ވަރުގަދަ ޙަމަލާތަކެއް އެ ޖަމާޢަތް މަރުކަޒުވެފައިވާ ޣައްޒާއަށް ދީފައެވެ. އެ ޙަމަލާތަކުގައި 9 މީހުން ޒަޚަމްވެފައިވެއެވެ.

މަސްޖިދުލް އަޤްޞާ ހުންނަ ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި ފަލަސްޠީނާމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މެއި މަހުގެ 7ވަނަ ދުވަހު ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000އަށްވުރެ ގިނަ މުސްލިމުންވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ޖަމާވެފައެވެ. ނަމާދުގެ ޖަމާޢަތަށްފަހު އެތައް ހާސް މީހުންނެއްވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައެވެ. ރައްދުގައި އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި 205 މީހުން ޒަޚަމްވިއެވެ. އޭގެ ތެރެއިން 88 މީހުންވާނީ އިތުރު ފަރުވާއަށް ހަސްފަތާލުތަކަށް ގެންގޮސްފައެވެ.

އޭގެ ފަހުން އިސްރާއީލުގެ އަނިޔާވެރިކަން އެންމެ ބޮޑުވެފައިވަނީ މެއި މަހުގެ 10ވަނަ ދުވަހުއެވެ. 1967ވަނަ އަހަރު އިސްރާއީލުން ޤުދުސް އަޅުވެތިކުރިތާ 54 އަހަރު ފުރުނު ދުވަހާ ގުޅުވައިގެން ގިނަ ޙަރަކާތްތަކެއް ޤުދުސްގައި ކުރިޔަށްގެންދަން ޔަހޫދީންވަނީ ނިންމައިފައެވެ. އެ ޙަރަކާތްތަކަށް މަގުފަހިކުރުމަށް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ އަޤްޞާގައި އަޅުކަންކުރަން ތިބި މުސްލިމުންނާ އަމާޒުކޮށް ގިނަ ޢަދަދެއްގެ ޙަމަލާތަކެއް ދީފައެވެ. ރަބަރު އުންޑައާއި ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން ދިން ޙަމަލާތަކުގައި 300 މީހުން ޒަޚަމްވިއެވެ. އެ ހަމަނުޖެހުންތައް ހިނގާފައިވަނީ އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރުތަކުން ބޭރުކުރުމާމެދު އިސްރާއީލުގެ ސުޕުރީމު ކޯޓުން ބަލަމުންދާ މައްސަލައިގެ ޝަރީޢަތް ފަސްކޮށްފައިވަނިކޮށެވެ.

އިސްރާއީލާ ގުޅުން ޤާއިމުކޮށްފައިވާ ޢަރަބި ޤައުމުތައްކަމަށްވާ މިޞްރާއި އުރުދުންނާއި ޔޫއޭއީއާއި ބަޙުރައިންނާއި މަޢުރިބާއި ސޫދާނުންވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ކުށްވެރިކޮށްފައެވެ.