ޚަބަރު

ކޯވިޑް ބަލީގައި އަނެއްކާވެސް ދިވެއްސަކު ނިޔާވެއްޖެ، ޖުމްލަ 85 އަށް


ކޯވިޑް ބަލީގައި އަނެއްކާވެސް ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މި މީހާ ނިޔާވެފައިވަނީ ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 04:00 ހާއިރުއެވެ.

މި މަރާއި އެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 85އަށް އަރާފައެވެ. މިހާތަނަށް އައިއިރު މި ބަލީގައި ނިޔާވެފައިވަނީ 72 ދިވެހިންނާ، 13 ބިދޭސީންނެވެ.

ފާއިތުވި 4 ދުވަސްތެރޭ ރާއްޖެއިން މި ބަލީގައި 11 މީހުން މިވަނީ ނިޔާވެފައެވެ. އިއްޔެވެސް މިބަލީގައި މީހަކު ނިޔާވެފައިވެއެވެ. މިއީ ރާއްޖޭން ކޯވިޑް ފެނުނު ފަހުން މިހާ ކައިރި ކައިރިން ގިނަ އަދަދެއްގެ ބަޔަކު ނިޔާވި ފުރަތަމަ ފަހަރެވެ. އަދި ކޯވިޑް އެކްޓިވް ކޭސްތަކާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 9،000އަށް ވުރެ މައްޗަށް އަރާފައިވާއިރު 250 މީހަކަށް މިވަގުތުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.