ޚަބަރު

ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އައިސީސީއަށް


އަފްޣާނިސްތާނުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭގޮތުން އެ ޤައުމުގެ ސަރުކާރާއި އިންޓަނޭޝަނަލް ކުރިމިނަލް ކޯޓު، އައިސީސީން މަޝްވަރާކޮށްފިއެވެ.

2003ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި ހިންގާފައިވާ ޖަރީމާތައް ތަހުޤީޤުކުރުމަށް ނިންމާފައިވާކަން އައިސީސީން އިޢުލާނުކުރީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެގޮތުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާއި އަފްޣާނިސްތާނުގެ އަސްކަރިއްޔާއިންނާއި ހަނގުރާވެރި ޖަމާޢަތެއްކަމަށްވާ ޠާލިބާނުންގެ ޢަމަލުތައް ބަލާނެކަމަށް އެ ކޯޓުންވަނީ ބުނެފައެވެ. އެއާއެކު އަފްޣާނިސްތާނުގެ ސަރުކާރުންވަނީ އެ ޤައުމުގައި ހިންގާފައިވާ ޖަރީމާތައް ތަހުޤީޤުކުރަމުންދާކަން އައިސީސީއަށް އަންގައި އެ ކޯޓުގެ ތަހުޤީޤު ފަސްކުރުމަށް އެދިފައެވެ. އައިސީސީގެ ޤަވާއިދުގައި ބުނާ ގޮތުން އެ ކޯޓަށް އެއްވެސް މައްސަލައެއް ބެލޭނީ ޖަރީމާތައް ހިންގާފައިވާ ޤައުމުން އެ މައްސަލައެއް ނުބަލާނަމަ ނުވަނަ ބެލުމުގެ ކުޅަދާނަކަން ލިބިގެންނުވާނަމައެވެ. ތަހުޤީޤު ފަސްކުރުމަށް އަފްޣާނިސްތާނުން ހުށަހެޅުމުން އައިސީސީން ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.

ނެދަލެންޑުސްގެ ދަ ހޭގުގައި ދެ ފަރާތުން ބައްދަލުކުރުމަށްފަހު ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޙަނީފު އަތުމަރު ވިދާޅުވީ އެ ޤައުމުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤުކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އަދި އެއްވެސް ކުށެއް ކޮށްފައިވާނަމަ އެ ފަރާތަކަށް އަދަބުން ރެކެވޭނެ ގޮތެއް ނޯންނާނެކަން ޔަޤީންކުރުމަށް ކުރެވޭނެ ގިނަ ކަންތައްތަކެއް މަޝްވަރާކޮށްފައިވާކަމަށެވެ. އައިސީސީގެ ވަކީލު ފަތޫ ބެންސޫދާ ވިދާޅުވީ ދެ ފަރާތުން ގުޅިގެން އެންމެ އެދެވޭ ގޮތަކަށް އިންސާފު ޤާއިމުކުރެވޭނެ ގޮތްތަކެއް ދެނެގަތުމަށް އަފްޣާނިސްތާނުގެ ސަރުކާރާއެކު މަސައްކަތްކުރަމުންދާނެކަމަށެވެ.