ޚަބަރު

ރާއްޖެއާއި ލަންކާ ދެބަސްވުމަކަށް ޖާގައެއް ނުދެއްވާނަން- ދުންޔާ


ސްރީލަންކާއާއި ދިވެހިރާއްޖެއަކީ ވަރަށް ގާތްގުޅުމެއް އޮންނަ ދެ ޤައުމެއްކަމަށާއި، ދެޤައުމުގެ ދެމެދުގައި އެއްވެސް ކަހަލަ ކަމެއްގައި ދެބަސްވުމަކަށް ޖާގަ ނުދެއްވާނެކަމަށް ދިވެހި ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމް ޚަބަރަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ އަވާހަރަކޮށްލަން ދިން ޙަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ސްރީލަންކާގެ ރައްޔިތަކު ރާއްޖެއިން ހައްޔަރުކުރެވުމާ ގުޅިގެން ނުތަނަވަސްކަމެއް އުފެދިފައިވާކަން ދޭހަވާ ގޮތަށް ސްރީލަންކާގެ ބައެއް ނޫސްތަކުން ފެންނަކަމަށާއި، ނަމަވެސް އޭގެ އެއްވެސް މައްސަލައަކާ ގުޅޭގޮތުން ރަސްމީ ސިފައެއްގައި ސްރީލަންކާ ސަރުކާރުން ދިވެހިސަރުކާރާ ވާހަކަ ދައްކާފައި ނުވާކަމަށެވެ.ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމާއި، އެކަމާ ގުޅުންހުރި ބައެއް ކަންކަމުގައި ކަންބޮޑުވުން ފާޅުކޮށް ސްރީލަންކާ ސަރުކާރުން ނޫސްބަޔާނެއް ނެރުނުކަމަށާއި، އެކަންކަމާ ގުޅިގެން މަޝްވަރާކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމަށްވެސް ދުންޔާ މައުމޫން ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ، ދިވެއްސަކު ސްރީލަންކާގައި މަރާލާފައި އޮއްވައި ފެނުމާ ގުޅިގެން އެޤައުމުގެ ފުލުހުން ކުރާ ތަޙުޤީޤުގައި ބައެއް ތަންތަނަށް ވަދެ ބޭނުންވާ މަޢުލޫމާތު ހޯދާނެކަމަށާއި، އެކަމުގައި ދިވެހިން އުޅޭ ގެއަކަށް ވަތް ނަމަވެސް  ދިވެހިން ދިރިއުޅޭ މާގިނަ ތަނަކަށް ވަދެފައިވާކަމުގެ މަޢލޫމާތު ލިބިވަޑައިގެންފައި ނުވާކަމަށް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. އަދި އެފަދަ ކަމެއްގައި  އެއްވެސް ދިވެއްސަކަށް ދަތިތަކެއް ކުރިމަތިވަމުންދާނަމަ ސަރުކާރުން ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެކަމަށްވެސް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވިއެވެ.ރަސްމީ ސިފައެއްގައި ސްރީލަންކާ ސަރުކާރުން އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައިނުވިނަމަވެސް ދެގައުމުން ހައްޔަރުކުރެވުނު މީހުންގެ މައްސަލައިގައި މަޝްވަރާކުރައްވަން ތައްޔާރުކަމަށާއި ރާއްޖެއިން ހިންގާ ތަޙުޤީޤަށްވެސް ސްރީލަންކާގެ އެހީތެރިކަން ބޭނުންވާނެކަމަށްވެސް ވިދާޅުވިއެވެ.