މުނިފޫހިފިލުވުން

ކިޝޯރު ކުމާރުގެ ގަޑިލިބުމުން ޕަވަންދީޕް އުފަލުން


ކިޝޯރުކުމާރުގެ ލަވަތަކަށް ޚާއްޞަކޮށްފައިވާ މިހަފްތާގެ އިންޑިއަން އައިޑޮލް ޝޯގެ ޝަރަފްވެރިކޮށްދިނީ ކިޝޯރުގެ ދަރިފުޅު އަމިތް ކުމާރެވެ. ލެޖެންޑްރީ ލަވަކިޔުންތެރިޔާ ކިޝޯރުގެ 100 ލަވަ ކިޔަން ހަމަޖެހިފައިވާ މި ޝޯގައި ބައިވެރިޔާ ޕަވަންދީޕްގެ ހުށަހެޅުން ފުރިހަމަކަމުން އަމިތް ވަނީ އޭނާ މިހާތަނަށްވެސް އަޅަމުން އައި ބައްޕަގެ އަތުކުރީ ގަޑި ޕަވަންދީޕަށް ހަދިޔާ ކޮށްފައެވެ.

މި ޝޯގައި ޕަވަންދީޕް ކިޔާފައިވަނީ ކިޝޯރުގެ މަޝްހޫރު ދެ ލަވަކަމަށްވާ ފިލްމު ސައްތޭޕެ ސައްތޭޕެގެ ލަވަ "ދިލް ބަރު މެރޭ ދިލް މޭ މެރޭ" އަދި ފިލްމު އަރާދްނާ ގެ ލަވަ "ކޯރާ ކާގަޒްތަ މަން މެރާ" އެވެ.

އަމިތް ކުމާރު ބުނީ ޕަވަންދީޕްގެ ލަވަ އޭނާއަށް ވަރަށް ކަމުދިޔަކަމަށާއި ލަވައިން އޭނާގެ ހިތަށް ވަރަށް އަސަރުކޮށްފި ކަމަށްވެސް އަމިތް ވަނީ ބުނެފައެވެ.

24 އަހަރުގެ ޕަވަންދީޕްގެ ލަވަތަކަށް ގިނަ ބަޔަކު ލޯބިކުރެއެވެ. އިންޑިއަން އައިޑޮލް ސީޒަން 12 ގެ އިތުރުން މީގެކުރިންވެސް ޕަވަންދީޕްވަނީ ލަވަކިޔާ ޝޯތަކުގައި ބައިވެރިވެ އެވޯޑްވެސް ޙާޞިލް ކޮށްފައެވެ. މިގޮތުން 2015 ވަނަ އަހަރު ސްޓާރ ޕްލަސްއިން ގެނެސްދިން ރިއަލިޓީ ޝޯ "ދަ ވޮއިސް" ގެ އެއްވަނަ ޕަވަންދީޕް ވަނީ ހޯދާފައެވެ.

2004 ވަނަ އަހަރުން ފެށިގެން ސޮނީ ޓީވީ ދައްކަމުންދާ އިންޑިއަން އައިޑޮލް ޝޯ އަށް އާންމުންގެ ވަރަށްބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. މިހާރު ކުރިއަށްދާ މި ޝޯގެ 12 ވަނަ ސީޒަން ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ.