ޚަބަރު

ކޮވިޝީލްޑު ނުލިބޭތީ ލަންކާގައި ފައިޒަރ ވެކްސިނަށް ޙުއްދަ ދީފި


އިންޑިޔާއިން ފޯރުކޮށްދޭ ކޮވިޝިލްޑު ވެކްސިން ލިބުމުގައި ދަތިތަކަކާ ކުރިމަތިވެ ޢާންމުންނަށް ވެކްސިން ދިނުމަށް ހުރަސްއެޅުމުން ކުއްލި ޙާލަތްތަކުގައި ފައިޒަރ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ސްރީލަންކާއިން ދީފިއެވެ.

ސްރީލަންކާގައި ޢާންމުންނަށް ކޯވިޑް-19ގެ ވެކްސިން ދޭން ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. ސްރީލަންކާގައި ބޭނުންކުރަމުން ދިޔައީ އިންޑިޔާއިން އެ ޤައުމަށް ހަދިޔާކުރި ކޮވިޝިލްޑު ވެކްސިންގެ 500،000 ޑޯޒެވެ. އޭގެ ފަހުން އެ ޤައުމުންވަނީ އިންޑިޔާގެ ސީރަމް އިންސްޓިޓުއުޓުން އެ ވެކްސިންގެ 10 މިލިޔަން ޑޯޒް ގަނެފައެވެ. ނަމަވެސް އިންޑިޔާގެ ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ޤައުމުންވަނީ އެހެން ޤައުމުތަކަށް ވެކްސިން ބޭރުކުރުން މެދުކަނޑާލައިފައެވެ. އެއާއެކު ސްރީލަންކާ ހިމެނޭގޮތަށް ގިނަ ޤައުމުތަކަކަށް ވެކްސިން ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހުނެވެ. އެހެންކަމުން ސްރީލަންކާއިން ދަނީ އެހެން ކުންފުނިތަކުން އުފައްދައި ކޯވިޑް-19ގެ ވެކްސިން ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން ސްރީލަންކާއިންވަނީ ކުއްލި ޙާލަތްތަކުގައި ފައިޒަރ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. ސްރީ ލަންކާގެ ސަރުކާރުން ބުނީ ފައިޒަރ ވެކްސިންގެ ފަސް މިލިޔަން ޑޯޒު އެ ޤައުމުން ގަންނާނެކަމަށެވެ. މީގެ ކުރިން ސްރީ ލަންކާއިންވަނީ ކުއްލި ޙާލަތްތަކުގައި ރަޝިޔާގެ ސްޕަޓުނިކް ފަހެއް ވެކްސިނާއި ޗައިނާގެ ސީނޯފާމު ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ.