ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ ތަޙްޤީގުކުރުމަށް އިނގިރޭސިވިލާތުގެ ޓީމެއް ރާއްޖެ އަންނަނީ


މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ ތަޙްޤީގުކުރުމަށް އިނގިރޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ އިނގިރޭސިވިލާތުގެ ސަރުކާރުން މި ތަހްޤީގަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ލަންޑަންގެ މެޓްރޯޕޮލިޓަން ޕޮލިސްގެ ކައުންޓަރ ޓެރަރިޒަމް ކޮމާންޑްގެ އިސް އޮފިސަރަކު މާދަމާ ރާއްޖެ ވަޑައިގަންނަވާނެކަމަށެވެ. އިނގިރޭސި ސަރުކާރުން މި ތަހްޤީގު ކުރިއަށް ގެންދިޔުމަށް އެހީތެރިވެދިނުމަށް ނިންމާފައިވާއިރު މިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖެއިން ޓެރަރިޒަމްއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެކަމަށެވެ. ޚާއްސަގޮތެއްގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ކުށްވެރިވާ ފަރާތްތަކަށް ޙައްޤު އަދަބުދީ އިންސާފު ހޯދައިދިނުމަށްޓަކައި ރާއްޖެއާއެކު މަސައްކަތް ކުރައްވާނެކަމަށެވެ.


ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގައި ދިވެހި ފުލުހުންނަށް އެހީވުމަށް އޮސްޓްރޭލިއާގެ މަރުކަޒީ ފުލުހުންގެ ޓީމެއްވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމު ރާއްޖެ އައިސް އަންނަނީ ތަޙްޤީގަށް އެހީތެރިވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ހިންގި ޓެރަރިޒަމްގެ ހަމަލާގައި ޝައްކުކުރެވޭ ދެ މީހަކު ވަނީ ހައްޔަރުކޮށް އެމީހުންގެ ވަނަވަރު އާއްމުކޮށްފައެވެ. އަދި މި ހަމަލާ ދިނުމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ ވަރަށް މުހިއްމު މީހެއްގެ ފޮޓޯ އާއްމުކޮށް އެމީހާ ހޯދުމުގެ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމަށް ފުލުހުން ވަނީ އެދިފައެވެ.