ޚަބަރު

ރައީސް ނަޝީދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުންގެ ވަނަވަރު ޢާއްމުކޮށްފި


ބޮމެއް ގޮއްވައި ރައީސް މުޙައްމަދު ނަޝީދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި 2 މީހުންގެ ވަނަވަރު ޢާއްމުކޮށްފިއެވެ.

ބޮމެއް ގޮއްވައި ރައީސް މުޙައްމަދު ނަޝީދަށް ހަމަލާދިން ޙާދިސާގެ މަޢުލޫމާތުތައް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނަވަރު ޢާއްމުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ.

މިދެމީހުންނަކީވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންކަމަށް ފުލުހުން ވިދާޅުވުއެވެ. މީގެތެރެއިން ތަހްމީނު އަޙްމަދަކީ މިޙާދިސާގައި ހިމެނޭ ސައިކަލުގެ ވެރިފަރާތްކަން ފުލުހުންވަނީ ހާމަކޮށްފައެވެ. މިދެމީހުންގެ އިތުރުން މިމައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދާ އެންމެ މުހިންމު މީހާ ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ. މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނާމެދު ޖިނާޢީ ދަޢުވާކުރެވޭވަރުގެ ހެކި އެބަހުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މީހާތަނަށް 4 މީހަކަށް ތުހުމަތު ކުރެވުނުނަމަވެސް އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިވަރުގެ ހަމަލާއެއް ދިނުމުގައި ގިނަ ބައެއްގެ ބައިވެރިވުން އޮތުމަކީ އެކަށީގެންވާ ކަމެއް ކަމެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ޙަމީދު ވިދާޅުވީ ވިދާޅުވީ ހަމަލާގެ ތުހުމަތަށް ހައްޔަރު ކުރެވޭ ކޮންމެ މީހެއްވެސް ހައްޔަރުކުރާނީ އެކަށީގެންވާ ކޮންމެވެސް ހެއްކެއް ހުރެގެން ކަމަށެވެ. އަދި ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމު މިއަދު ރާއްޖެ އައިސް ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށާއި އިނގިރޭސިވިލާތުގެ ޚާއްސަ ޓީމެއްގެ އެހީތެރިކަންވެސް ލިބެމުން އަންނަކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށްދިން ޓެރަރިޒަމް ހަމަލާގެ ފަހަތުގައި ހަރުކަށި ފިކުރާ ގުޅުން ހުރި ކަންތައްތަކެއް ފާހަގަވެފައިވާކަމަށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވިއެވެ. އަދި ހަރުކަށި ފިކުރާ ގުޅުން ހުރި ކަންތައްތަކެއް ފާހަގަވެފައިވީ ނަމަވެސް ހަމަލާ އާއި އެހެން ކަމެއްވެސް ގުޅިފައި އޮވެދާނެކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ ތަޙްގީގަށް ފާހަގަވެފައިވާ ލިންކްތަކަކީ ކޮން ގޮތަކަށް ހަރުކަށި ފިކުރާ ގުޅުންހުރި ކަންތައްތަކެއްކަން އަދި ނޭގޭކަމަށާއި އެއީ ކޮން ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަން އަދި އެނގިވަޑައިނުގަންނަވާކަމަށެވެ.

މި ބައްދަލުވުމުގައި ފުލުހުން ވަނީ އެއްޗެއް ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ނަންބަރު ބޯޑް ބަދަލުކޮށްފައިވާ ކަމަށާ ސައިކަލުގެ އިންޖީނު ނަންބަރު ވަނީ ކަހާލާ ފޮރުވުމަށް މަސައްކަތް ކޮށްފަކަމަށެވެ. ނަމަވެސް ފޮރެންސިކް ޓީމުގެ މަސައްކަތުން ވަނީ އިންޖީނު ނަންބަރު ހޯދާފައެވެ. ސައިކަލުގެ ވެރި ފަރާތް ދެނެގެންފައިވަނީ އެ މައުލޫމާތުތަކުގެ އަލީގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައެވެ. މިހާދިސާ ފުލުހުން ތަޙްޤީގުކުރަމުން އަންނައިރު މިކަމަށް ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ.