ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސަޕޯޓަރުން ތުރުކީވިލާތަށް ދަތުރު ނުކުރުމަށް ގޮވާލައިފި


ޔުއޭފާ ޗެމްޕިއަންސް ލިގުގެ ފައިނަލަށް ސަޕޯޓަރުން ތުރުކީވިލާތަށް ދަތުރު ނުކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ގޮވާލައިފިއެވެ. އިނގިރޭސިވިލާތުންވަނީ ކޯވިޑް-19 ހަލުވިކަމާއެކު ފެތުރޭ ކަމަށް އެޤައުމުން އާންމުކުރާ ރެޑް ލިސްޓުގައި ތުރުކީވިލާތް ހިމަނާފައެވެ.

އެހެންކަމުން މިމަހުގެ 29 ވަނަ ދުވަހު ތުރުކީވިލާތުގެ އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންގްލިޝް ޕްރިމިއަރ ލީގަށް ނިސްބަތްވާ ދެ ކްލަބް ކަމަށްވާ މެންޗެސްޓަރ ސިޓީ އާއި ޗެލްސީގެ ސަޕޯޓަރުން ތުރުކީއަށް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ.

އިނގިރޭސި ޓްރާންސްޕޯޓް ސެކްރެޓަރީ ގްރާންޓް ޝާޕްސް ބުނީ ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމަކަށް ދަތުރު ކުރެވޭނީ ކޮންމެހެން ނުކޮށް ނުވާ ދަތުރުތަށް އެކަނިކަމަށެވެ. އަދި އިނގިރޭސި ސަރުކާރުން އޮތީ މިމެޗް އެޤައުމުގައި ބޭއްވުމަށްވެސް ތައްޔާރަށް ކަމަށް އޭނާ ބުންޏެވެ. ޔުއޭފާއިން އޮތީ މިފަހަރުގެ ފައިނަލް މެޗަށް ކޮންމެ ކްލަބަކުން 4000 ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭގޮތަށް ހެދުމަށް ނިންމާފައެވެ. ޝާޕްސް ބުނީ އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަނުން މިހާރުވަނީ މިކަމާއި ގުޅޭގޮތުން ޔުއޭފާއާއެކު މަޝްވަރާތައް ފަށާފައެވެ. ނަމަވެސް މިކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ޔުއޭފާއިން ކަމުގައިވެސް އޭނާ ހާމަކުރެއްވިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އިނގިރޭސި ސަރުކާރުން އަންނަނީ މިކަމުގައި އޮތް ހުރިހާ އޮޕްޝަންތަކެއް ބަލަމުންނެވެ. މިގޮތުން ޔުއޭފާއިން ތުރުކީވިލާތުގައި ފައިނަލް ކުޅެން ނިންމައިފިނަމަ ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަ ހުއްދައެއް ދިނުންވެސް މީގެތެރޭގައި ހިމެނެއެވެ. އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރެޑް ލިސްޓްގެ ޤައުމަކަށް ދަތުރުކުރުމަށްފަހު އެނބުރި އައިސް 10 ދުވަހުގެ ކަރަންޓީން ޕީރިއަޑެއް އެހެން މީހުންނާއި އެކެހެރިކޮށް ހޭދަކުރަންޖެހޭނެއެވެ. ނަމަވެސް ސިޓީ އާއި ޗެލްސީގެ ކުޅުންތެރިން އެނބުރި އައިސް ކަރަންޓީން ޕީރިއަޑް ފުރިހަމަ ކުރަންޖެހިއްޖެނަމަ 11 ޖޫން ގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 ގައި ވާދަކުރާ ކުޅުންތެރިންނަށް އެކަމުގެ އަސަރު ކުރާނެއެވެ.

އިނގިރޭސިވިލާތަށް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ބަދަލު ކޮށްފިނަމަ އެމެޗް ކުޅުން އެންމެ ގާތީ ވެންބްލީ ސްޓެޑިއަމްގައެވެ. ނަމަވެސް ވެމްބްލީއަށް ބަލާލާއިރު ފައިނަލް މެޗް މިހާރު ބާއްވަން ހަމަޖެހިފައިވާ މިމަހުގެ 29 ވަނަ ދުވަހަކީ ޗެމްޕިއަންޝިޕްގެ ޕްލޭ އޮފްގެ ފައިނަލް ކުޅުމަށް މިހާރު ނިންމާފައިވާ ތާރީހެވެ. ނަމަވެސް ޔޫއޭފާއިން އެދިއްޖެނަމަ އެމެޗް އެހެން ދުވަހަކަށް ބަދަލުކޮށްދިނުން ގާތްކަމަށް ބެލެވެއެވެ.

ޗެލްސީގެ ސަޕޯޓަރސް ޓްރަސްޓުން މިހަފްތާގައި ޔުއޭފާއާއި ބައްދަލުކުރަން ނިންމާފައިވާއިރު ސިޓީގެ ސަޕޯޓަރުންގެ ގްރޫޕްތަކުންވަނީ މެޗް އިނގިރޭސިވިލާތަށް ބަދަލުކޮށްދޭން ކުރިން އެދިފައިވި އެދުން އަލުން އާކުރާނެކަމަށް ބުނެފައެވެ. ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްމެޗް މިފަހަރު ކުޅުމަށް ހަމަޖައްސާފައިވަނީ އިސްތާންބޫލްގެ އާޓަޓަރކް ސްޓޭޑިއަމްގައެވެ. ފައިނަލް މެޗްގެ ކުރިން މިދެޓީމްގެ ކުރިމަތިލުމެއް ބަލާލުމުގެ ފުރުސަތު މިރޭ ހުރިހާ ބޭފުޅުންނަށް ލިބިގެންދާނެއެވެ. އިންގްލިޝް ޕްރމިއަރ ލީގުގައި މިރޭ މިދެޓީމް ދައްދަލު ކުރާމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން 9:30 ގައެވެ. މިރޭގެ މެޗް ސިޓީ ކާމިޔާބުކޮށްފި ނަމަ ސިޓީއަށް ލީގު ކާމިޔާބު ކުރެވޭނެއިރު މިރޭ ޗެލްސީ މޮޅުވެއްޖެނަމަ ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލެވޭނެއެވެ.