ކުޅިވަރު

ނަޑާލް ބަލިކޮށް މެޑްރިޑް އޯޕަންގެ ސެމީފައިނަލަ ޒްވަރޭވް


މެޑްރިޑް މާސްޓަރސް ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލްގައި މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ސްޕެއިންގެ ރަފޭލް ނަޑާލް ބަލިކޮށް މިމުބާރާތުގެ ސެމީފައިނަލުން ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވް ޖާގަހޯދައިފިއެވެ. މިމެޗް ޒްވަރޭވް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ.

ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓްގައި ނަޑާލްވަނީ ހަތަރެއް ދެއެއްގެ ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް ޒްވަރޭވްއިން ހިތްވަރު އެލުވާނުލާ ކުރި މަސައްކަތުގެ ސަބަބުން ފުރަތަމަ ސެޓްގެ ފަހު ހަތަރު ގޭމް ޖެހިޖެހިގެން ކާމިޔާބުކޮށް ފުރަތަމަ ސެޓް ހައެއް ހަތަރަކުން ކާމިޔާބުކުރިއެވެ. އަދި ދެވަނަ ސެޓްވެސް ޒްވަރޭވް ކާމިޔާބުކުރީ ހައެއް ހަތަރަކުންނެވެ. މިއީ ޒްވަރޭވް ނަޑާލްގެ މައްޗަށް ޖެހިޖެހިގެން ކުރި ހޯދި ތިންވަނަ މެޗެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޒްވަރޭވް ބުނީ މިއީ އޭނާގެ ކެރިއަރުގައި އެންމެ މުހިންމު އެއް މޮޅު ކަމަށާއި އެއީ ކްލޭ ކޯޓުގައި ނަޑާލް ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވާތީ ކަމުގައެވެ. ސެމީ ފައިނަލްގައި ޒްވަރޭވް ބައްދަލުކުރާނީ ތިންވަނައަށް ސީޑް ކުރެވިފައިވާ އޮސްޓްރިއާގެ ޑޮމިނިކް ތީމްއާއެވެ. މިދެކުޅުންތެރިންވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލްގައި ވާދަކޮށްފައެވެ. އެމެޗް ކާމިޔާބުކޮށްފައިވަނީ ތީމްއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ތީމް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އެމެރިކާގެ ޖޯން އިސްނަރ އާއި ބައްދަލުކުރިމެޗް ދެސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ތިނެއް ހައެއް، ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. މިމުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗްގައި ބައްދަލުކުރާނީ އަށްވަނައަށް ސީޑް ކުރެވިފައިވާ އިޓަލީވިލާތުގެ މަޓިއޯ ބެރެޓީނީ އާއި ނޯވޭގެ ކެސްޕަރ ރޫޑްއެވެ. ބެރެޓީނީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ޗިލީގެ ކްރިސްޓިއަން ގަރިން އާއި ބައްދަލުކުރިމެޗް ފަހެއް ހަތެއް، ހައެއް ތިނެއް އަދި ހައެއް ސުމަކުން ކާމިޔާބުކޮށްގެންނެވެ. އަދި ރޫޑް ސެމީފައިނަލުން ޖާގަހޯދީ ކަޒަކިސްތާންގެ އެލެގްޒެންޑަރ ބުބްލިކް އާއި ބައްދަލުކޮށް ހަތެއް ފަހެއް އަދި ހައެއް އެކަކުން މެޗް ކާމިޔާބުކޮށްގެންނެވެ.