ޚަބަރު

ޔޫކޭ މަނާ ލިސްޓުގައި ރާއްޖެ، ދިވެހިންވެސް ކަރަންޓީނު ވާންޖެހޭނެ


ކޯވިޑް ހަލުވިކަމާއި އެކު ފެތުރެމުންދާތީ އިނގިރޭސިވިލާތަށް އެތެރެވާ ދިވެހިން 10 ދުވަހަށް ކަރަންޓީނު ވާންޖެހޭނެކަމަށް އެ ޤައުމުން ނިންމައިފިއެވެ.

އިނގިރޭސި ސަރުކާރުން ކޯވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ ޤައުމަށް އެތެރެވުން މަނާ ޤައުމުތައް ކަނޑައަޅާ " ރެޑް ލިސްޓް" ގެ ނަމުގައި ލިސްޓެއް ވަނީ އެކުލަވާލާފައެވެ. އަދި މި ލިސްޓުގައި ހިމެނޭ ޤައުމުތަކުން އިނގިރޭސި ވިލާތަށް އެތެރެވުމުގައި ބައެއް ކަންކަން ވަނީ ހިމަނާފައެވެ.

އިނގިރޭސި ސަރުކާރާއި ހަވާލާދީ ފޮރިން މިނިސްޓްރީން ވިދާޅުވީ އެ ޤައުމުގެ ސަރުކާރުން އެކުލަވާލާފައިވާ " ރެޑް ލިސްޓް"ގައި މިހާރު ރާއްޖެ ހިމަނާފައިވާކަމަށެވެ. އަދި މި ނިންމުމާއި އެކު މިމަހުގެ 12 ވަނަދުވަހުގެ ފަތިހު 04:00 އިން ފެށިގެން އިނގިރޭސިވިލާތަށް އެތެރެވާ ދިވެހިންވެސް 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެކަމަށެވެ.

މި ނިންމުމާއިއެކު އިނގިރޭސިވިލާތާއި އަޔަންލެންޑް ރައްޔިތުން އަދި އެޤައުމުތަކުގެ ރަށްވެހިކަމުގެ ޙައްޤު ލިބިފައިވާ މީހުން ނޫން މީހުން އެޤައުމަށް އެތެރެވުން މަނާކޮށްފައެވެ.

އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެ ޤައުމަށް އެތެރެވޔުމުގެ 10 ދުވަސްކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާނަމަ ނުވަތަ ޓްރާންސިޓް ކޮށްފައިވާނަމަ، އެޤައުމަށް އެތެރެވުމަށްފަހު އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ މަރުކަޒެއްގައި 10 ދުވަހު ކަރަންޓީނު ފުރިހަމަކުރަންޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުގެ 2 ވަނަދުވަހާއި 8 ވަނަ ދުވަހު ކޯވިޑަށް ހަދަންޖެހޭނެކަމަށްވެސް އިނގިރޭސި ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

ފޮރިން މިނިސްޓްރީން ވަނީ އިންގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން މިކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ނިންމުންތަކަށް ބަދަލު އައުން އެކަށީގެންވާތީ ދަތުރުކުރުމުގެ ކުތިން މައުލޫމާތު ސާފުކުރެއްވުމަށްވެސް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތަށް އެތެރެވުން މަގާ ޤައުމުތަކުގެ ލިސްޓަށް ތުރުކީއާއި ނޭޕާލްވެސް ވަނީ އިތުރުކޮށްފައެވެ. މި ތިން ޤައުމުވެސް ރެޑް ލިސްޓަށް ލާފައިވަނީ ކޯވިޑް ފެތުރުން އިތުރުވެފައިވާތީއެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތް ވެފައިވަނީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ %2.8 އެވެ. ކޯވިޑްގެ ކުރިން އިނގިރޭސިވިލާތަކީ ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރައްޖޭގައިވެސް ކޯވިޑް ހާލަތު ގޯސްވަމުން އައިސް މި ބައްޔަށް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 700 އިން މައްޗަށް އަރާފައެވެ. އަދި މިދިޔަ 48 ގަޑިއިރުގެ ތެރޭގައި 9 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަން ދުނިޔޭގައި އަނެއްކާވެސް އަންނަނީ ބޮޑުވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި ބަލި އެންމެ ފުރަތަމަ ފެނިގެން ރިޕޯޓްކުރަން ފެށި 6 މަސްދުވަހަށް ވުރެ މިދޔަ މަހުގެ ފަހުކޮޅު ރިޕޯޓްކުރި އަދަދު ގިނައެވެ. އަދި މިބަލީގެ އައު ވޭރިއެންޓްތައް ފެނި އެ ވޭރިއަންޓްތައް ފެތުރޭ މިންވަރު ވަރަށް ހަލުވިކަމަށްކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.