ޚަބަރު

ކަންދަހާރުގެ މުހިންމު ސަރަޙައްދުތަކެއް ޠާލިބާނުންގެ ބާރުގެ ދަށަށް


އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ކަންދަހާރުގެ މުހިންމު ސަރަޙައްދުތަކެއް ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފިއެވެ. އެގޮތުން ކަންދަހާރުގައި ހުންނަ އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު ފެން ރައްކާކުރާ ޑޭމު ޠާލިބާނުންގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ.

ޠާލިބާނުންގެ ބާރުގެ ދަށުގައި ކުރިން އޮތް އަދި އެ ޖަމާޢަތުގެ ބާރު އެންމެ ބޮޑަށް އޮންނަ ކަންދަހާރުގައި އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުތަކާ ދެކޮޅަށް ޙަމަލާ ބަދަލުކުރާތާ ގިނަ މަސްތަކެއްވަނީ ވެފައެވެ. ކަންދަހާރަށް ބޯފެން ފޯރުކޮށްދެނީ އެ ޕުރޮވިންސުގެ އަރުޣަންދާބުގައި ހުންނަ ދަހުލާ ޑޭމުންނެވެ. އަދި ދަނޑުވެރިންގެ މަސައްކަތަކަށް ބޭނުންވާ ފެން ފޯރުކޮށްދެނީވެސް މީގެ 70 އަހަރުކުރިން އެމެރިކާއިން ޢިމާރާތްކޮށްދިން ޑޭމުގެ ޒަރިއްޔާއިންނެވެ.

މިދިޔަ މަހުގެ ތެރޭގައި ދަހުލާ ޑޭމާ ގުޅޭ ފާލަމަކަށްވެސް ޠާލިބާނުންވަނީ ގޮށްވާލައިފައެވެ. ދަހުލާ ޑޭމަށް ޙާމަލާ ދިނުމުގެ ކުރިން އެ ތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުނިކުތުމަށް ޠާލިބާނުން އިންޒާރު ދީފައިވެއެވެ. ޠާލިބާނުންގެ ބާރުގެ ދަށަށް ދާލިއާ ޑޭމު ގެންގޮސްފައިވަނީ ކަންދަހާރާ އިންވެގެން އޮންނަ ހިލްމަދުންދު ޕުރޮވިންސުގައި ގިނަ ޙަމަލާތަކެއް އެ ޖަމާޢަތުން ދީފައިވަނިކޮށެވެ. ހިލްމަންދަށް ޠާލިބާނުން ޙަމަލާ ދީފައިވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތުގެ ދަށުން އެ ޕުރޮވިންސުގައި ހުންނަ އަސްކަރީ މަރުކަޒެއް އަފްޣާނިސްތާނުގެ އަސްކަރިއްޔާއާ ޙަވާލުކޮށްފައިވަނިކޮށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ. ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣަނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ. ނަމަވެސް ޠާލިބާނުން ޤަބޫލުކުރާ ގޮތުގައި އެ ތާރީޚު ކަނޑައެޅީ ޓުރަންޕުގެ ސަރުކާރާއެކު ޠާލިބާނުން ސޮއިކުރި އެއްބަސްވުމާ ޚިލާފަށެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ ސިފައިން ފޭބުމުން އެ ޤައުމަށް ޠާލިބާނުން އަތްގަދަކުރުމަށް އިތުރަށް މަސައްކަތްކުރާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.