ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއަކީ ޓެރަރިޒަމްގެ ޢަމަލެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ރައިސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން މިހާތަނަށް ތަޙުގީގަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު މިއީ ޓެރަރިޒަމްގެ ޢަމަލެއްކަމަށާއި ތަޙުގީގު ކުރިއަށް މިހާރު ގެންދަނީ އެފަދަ ޢަމަލެއްގެ ގޮތުގައިކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުންގެ ފޮރެންސިކްގައި ލިބެންހުރި ވަޞީލަތްތައް މިތަޙުގީގުގައި ބޭނުންކުރަމުން އަންނަކަމަށާއި މިވަގުތު ޔޫއެންއޯސީޑީގެ ފަރާތުން ރާއްޖޭގައި ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެބޭފުޅެއްގެ އެހީތެރިކަން މިތަޙުގީގަށް ލިބެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި ތަޙުގީގު އިތުރަށް ފުޅާކުރުމަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެބޭފުޅުން މާދަމާ އައުމަށް ހަމަޖެހިފައިވާކަމަށްވެސް ޕޮލިހުން ބުނެއެވެ.
ފުލުހުން ހާމަކުރައްވާފައިވާގޮތުގައި މިވަގުތުގައި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ މާލެތެރޭގެ ސަލާމަތީކަންކަން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އެލަރޓް ލެވެލް ވަނީ މަތިކޮށްފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާއި ގުޅިގެން އެސަރަޙައްދުން އެވަގުތު ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައިވާނަމަ އެކަންކަން 9704000 އަށް ގުޅާ އެކަން ހިއްސާކުރުމަށް ފުލުހުންވަނީ އެދިވަޑައިގަންނަވާފައެވެ.
ރޭ 8:30 ހާއިރު އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ. އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ. ރައީސް ނަޝީދުގެ އިތުރުން މިހާދިސާގައި އިތުރު ބައެއް މީހުންނަށްވެސް އަނިޔާވިއެވެ. އޭގެތެރޭގައި ސިފައިންގެ 3 ބޭކަލަކުވެސް ހިމެނިވަޑައިގެންނަވައެވެ.