ޚަބަރު

ރައީސް ނަޝީދުގެ ގިނަ އޮޕަރޭޝަންތަކެއް ކުރެއްވިއްޖެ، މުހިންމު އެއް ޕްރޮސިޖާ އަދި ހަދަންޖެހޭ


ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޙަމަލާގައި ލިބިވަޑާއިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ބައެއް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށެވެ.

ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެކޮޅުން ނުކުނަވައިގެން ނީލޯފަރުމަގުން ހިންގަވާފައި ވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. މި ހަމަލާދީފައިވަނީ ސައިކަލެއްގައި ގޮވާ އެއްޗެއް ހަރުކޮށް ގޮއްވާލައިގެންނެވެ.

ނުރައްކާތެރި މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ރޭ 8:30ގައިއެވެ. އަދި އެމަނިކުފާނު ހޮސްޕިޓަލަށް ގެނައިރު ގިނަ ޒަޚަމްތަކެއްހުރިކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ ހާލުކޮޅާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޙަމަލާގައި ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އެހެންނަމަވެސް އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރައީސް ނަޝީދަށްް ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ކުރި އޮޕަރޭޝަންތަކުގެ ތަފްސީލެއް އައި އޭޑީކޭއިން ހާމަކޮށްފައެވެ ނުވެއެވެ.

ރޭގައި ދިން މިހަމަލާގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ދެ ހަށިފާރަވެރިންގެ އިތުރުން އާއްމު ރައްޔިތަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ރައްޔިތަކުވެސް ވަނީ ޒަހަމްވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު މެންދުރު 14:00 ގައި ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ފުލުހުން އަންނަނީ ތައްޔާރުވަމުންނެވެ.

ރޭ އިރާކޮޅު ސައިކަލެއްގައި އެއްޗެއް ހަރުކޮށް ގޮއްވާލި ގޮއްވާލުމުގައި އަޑު ވަރަށް ގަދައަށް އިވުނުކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންވަނީ ބުނެފައެވެ. އަދި މި ހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑަިގެންނެވި ޒަހަމްތަކަށް ފަރުވާދެއްވުމަށް ހޮސްޕިޓަލަށް ގެންދިޔައިރު ހާދިސާ ހިންގި ތަނުގައި އެމަނިކުފާނުގެ ފައިވާން ޖޯޑުކޮޅާއި ފޯނު އޮތެވެ. އަދި ބާރުގަދަ މި ގޮވުމުގެ ސަބަބުން ސައިކަލްގެ ބައެއް ބައިތައް ވަނީ އެކި ސަރަހައްދުތަކަށް ވިއްސައިގެން ގޮސްފައެވެ.

މި ހާދިސާ ހިންގުމުން މި ކަން ތަހުގީގުކުރުމަށް އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ޕްރޮންސިކް ޓީމް އެ ސަރަހައްދު ދޫކޮށް ދިޔައީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެހެންނަމަވެސް އަދިވެސް އެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ. އަދި އެތަނުގެ ގިނަ އަދަދެއްގެ ސާމްޕަލް އެޓީމުން ވަނީ ނަގާފައެވެ.

މި މައްސަލަ ތަހުޤިގުކުރުމުގެ މަސައްކަތް ދިވެހި ފުލުހުން ވަނީ ފަށާފައެވެ. އަދި މި މަސައްކަތުގައި ބައިވެރިވުމަށް އޮސްޓޭރިލަން ފެޑަރަލް ޕޮލިސްގެ ޓީމެއް މާދަމާ ރާއްޖޭ އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ރޭ ވަނީ ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ރޭ ދިން ހަމަލާއަކީ ރައީސް ނަޝީދުގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީއާއި އިގްތިސާދަށް ދިން ހަމަލާއެއްކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް އެ މައްސަލަ ވީހާ އަވަހަކަށް ބަލާ ނިންމުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެމަނިކުފާނަށް އޮތް ލޯތްބާއި ގަދަރުގެ މެސެޖްތައް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅާައި ގުޅޭ ހަބަރެއްގެ އިންތިޒާރުގައި ބައެއް މީހުން ރެއިން ފެށީގެން އަދިވެސް ތިބީ އޭޑީކޭ ހޮސްޕިޓަލް ކައިރީގައިއެވެ.