ޚަބަރު

ސަރބިޔާގައި ވެކްސިންޖަހާ މީހުންނަށް 30 ޑޮލަރު ދެނީ


ސަރބިޔާގައި ކޯވިޑް-19ގެ ވެކްސިން ޖަހައި ކޮންމެ ރައްޔިތަކަށް 30 ޑޮލަރު ދޭން ނިންމައިފިއެވެ. ސަރބިޔާއަކީ ވެކްސިން ޖަހައި ރައްޔިތުންނަށް އިނާމުދޭނެކަން އިޢުލާނުކުރި ފުރަތަމަ ޤައުމެވެ.

ސަރބިޔާގެ ރައީސް އަލަކްސަންދަރު ވުޗިޗު ވިދާޅުވީ އެ ޤައުމުގައި ވެކްސިން ޖަހައި ކޮންމެ ރައްޔިތަކަށް އެ މީހުންގެ ފަރުދީ ޒިންމާ ޢަދާކޮށްފައިވުމުން އިނާމެއް ދޭނެކަމަށެވެ. އެގޮތުން މެއި މަހުގެ 31ވަނަ ދުވަހުގެ ކުރިން އުމުރުން 16 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން ވެކްސިންގެ އެއް ޑޯޒު ނުވަތަ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް އެ އިނާމު ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. އިނާމުގެ ގޮތުގައި ދިނުމަށް ނިންމާފައިވާ 30 އެމެރިކާ ޑޮލަރަކީ އެ ޤައުމުގައި ދެމުންދާ އަސާސީ މަހު މުސާރައިގެ ފަހެއް އިންސައްތައާ އެއްވަރު ޢަދަދެކެވެ. ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށް އެފަދަ އިނާމެއް ސަރުކާރުން ހުށަހަޅާފައިވަނީ އެ ޤައުމުގައި ވެކްސިން ޖެހުމަށް އޮތް ތަރުޙީބު އިތުރުކުރުމުގެ މަޤްޞަދުގައެވެ.

ސަރބިޔާގެ ރައީސް ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ނުޖެހުމަކީ ޒިންމާދާރުކަން ކުޑަ އަދި ދަހި ޢަމަލެއްކަމަށެވެ. ނަމަވެސް ވެކްސިން ނުޖަހައި ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު ނާޅާނެކަމަށް ވުޗިޗު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ވެކްސިން ނުޖަހައި ތިބި މުވައްޒަފުންނަށް ކޯވިޑް-19 ޖެހިއްޖެނަމަ އެ މުއްދަތުގައި ވަޒީފާއަށް ސަލާން ނުބުނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މެއި މަހުގެ ނިޔަލަށް ސަރބިޔާގެ އާބާދީގެ 55 އިންސައްތަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުމަށް އެ ޤައުމުގެ ސަރުކާރުން އުންމީދުކުރެއެވެ. ހަތް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސަރބިޔާގައި އާބާދީގެ 22 އިންސައްތަ މީހުންވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ.