ޚަބަރު

އިންޑިޔާގައި ބަލިމީހުން އުފުލުމަށް އެންބިޔުލަންސުގެ ބަދަލުގައި އޮޓޯ


އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ އެންބިޔުލަންސް ލިބުމަށް ދަތިވުމުން ހަސްފަތާލަށް ބަލިމީހުން ގެންދިޔުމަށް ތިން ފުރޮޅުކީ އޮޓޯ ބޭނުންކުރަން ފަށައިފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާއެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 21.4 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 234،071 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ އަސްލު ޢަދަދު ރަސްމީ ޢަދަދުތަކަށްވުރެ ދިހަގުނަ އިތުރުވާނެކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.

ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް އެންބިޔުލަންސުގެ ޚިދުމަތް ލިބުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން އެފަދަ ޚިދުމަތްތައް ދޯރުކޮށްދޭ އަމިއްލަ މީހުންގެ އުޅަނދުތައް ހޯދުމަށް ބޮޑެތި ޢަދަދުތައް ޚަރަދުކުރުމަށް ޢާންމުންނަށްވަނީ މަޖުރޫބުވެފައެވެ. އެގޮތުން މެއި މަހުގެ 4ވަނަ ދުވަހުން ފެށިގެން ނިޔު ދިއްލީގެ ސަރަޙައްދީ ސަރުކާރާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކާ ގުޅިގެން ބަލިމީހުން އުފުލުމަށް އޮޓޯތަކެއް ޚާއްޞަކޮށްގެން ރަސްމީކޮށް އެ ޚިދުމަތް ދޭން ފަށައިފައިވެއެވެ. އެ އޮޓޯތަކުގައި ޖަރާސީމު ފިލުވުމަށް ބޭނުންކުރާ އާލާތްތަކާއި މޫނުގައި އަޅައި މާސްކު ލިބެން ހުރެއެވެ. އަދި ބޭނުން ޖެހިއްޖެނަމަ އޮކްސިޖަން ލިބޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސައިފައެވެ. އެ މަސައްކަތުގައި މަދުވެގެން 12 އޮޓޯ ބޭނުންކުރެއެވެ. އެ އޮޓޯތައް ދުއްވާ މީހުން ތިބެނީ ރައްކާތެރި ކަށަވަރުކޮށްގެންނެވެ. އެ މީހުންނާއި ބަލި މީހުންނާ ދެމެދު ޕުލާސްޓިކު ހުރަހެއް ހަރުކޮށްފައި ހުރެއެވެ. އެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ހިލޭސާބަހަށެވެ. އަދި ޢާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި އެ ޙިދުމަތް ބޭނުންވާ މީހުންގެ ޢަދަދު ގިނަވުމުން އެ މަސައްކަތް އިތުރަށް ފުޅާކުރަންޖެހޭކަމަށް އެ މަޝްރޫޢު އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.

އެ މަސައްކަތުގައި ބައިވެރިވާ އޮޓޯ ޑުރައިވަރުން ބުނީ ނުރައްކާތެރި ބަލިމަޑުކަމެއްގައި އެކަކު އަނެކަކަށް އެހީތެރިވެގެން ނޫނީ ޙާލަތުން އަރައިނުގަނެވޭނެކަމަށެވެ. ބިރުން ފަހަތަށް ޖެހިއްޖެނަމަ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ބަޔަކު ނުހުންނަކަމަށް އެ މީހުން ބުނެއެވެ.