ޚަބަރު

ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް!


ނީލޯފަރުހިނގުމުގައި ބާރުގަދަ އެއްޗެއް ގޮވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަނިޔާ ލިބިވަޑައިގަތުމުގެ އިތުރުން، ބައެއް ޢާންމު ރައްޔިތުންނަށް މި ހާދިސާގައި ގެންލުންތަކެއް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައި މި ހާދިސާއާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މުލިއާގޭގައި ކުރިއަށްދިޔަ މި ކުއްލި ބައްދަލުކުރެއްވުމުގައި، އެ ހާދިސާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މިކަން ހިނގާދިޔަގޮތް ތަޙުޤީޤުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުން ވަނީ މި ޢަމަލު ކުށްވެރިކުރައްވައި މިކަން ވީ އެންމެ އަވަހަށް ތަޙުޤީޤުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، މިފަދަ ޙާލަތްތަކުގައި ޤައުމުގެ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވެވިއެވެ.

ކެބިނެޓް ބައްދަލުވުމެއްގެ އިތުުރުން، ރައީސް ސާލިހު ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މުލިއާގޭގައި ބޭއްވެވި މި ކުއްލި ބައްދަލުކުރެއްވުމުގައި، ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ ފަރާތުން ވަނީ މިރޭ ހިނގާދިޔަ ނުރައްކާތެރި ގޮވުމުގެ ހާދިސާއާއި ގުޅިގެން ތަޙުޤީޤީ ޓީމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މީގެއިތުރުން މި ހާދިސާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތާއި، އަދި މިކަމުގައި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، ރައީސް ސާލިހުއާއި ސަރުކާރުގެ އިސްވެރިން ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުށްވެރިކުރައްވާފައެވެ.

ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ތަޙުޤީޤުކުރަމުންދާކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.