ޚަބަރު

ޕާސްޕޯޓް ހެދުމުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި


ސްކޫލް ބަންދާއި ގުޅިގެން  ޕާސްޕޯޓް ހެދުމަށް ގިނަ ފަރާތްތަކަކުން އެދެމުންދިއުމާއި ގުޅިގެން ޕާސްޕޯޓް ހެދުމުގެ ޚިދުމަތްދޭ ވަގުތު އިމިގްރޭޝަނުން އިތުރުކޮށްފިއެވެ.ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ޙަސަން ޚަލީލް ވިދާޅުވީ، ކުރިން ހެނދުނު 8:00 އިން ފެށިގެން 9:30 އާއި ދެމެދު ޕާސްޕޯޓަށް އެދި ފޯމް ހުށަހެޅުމުން އެދުވަހެއްގެ މެންދުރު 1:00އަށް ޕާސްޕޯޓު ލިބޭގޮތަށް އޮތް ނަމަވެސް، މިހާރު ހެނދުނު 10:00ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށައަޅައިފިނަމަ އިރުއޮއްސި 6:00 އަށް ޕާސްޕޯޓް ދޫކުރާނެކަމަށެވެ. އަދި ޓޯކަން ނަންބަރުތައް މެންދުރު ފަހު 03:00 އާއި ހަމަޔަށް ދޫކުރަމުންދާނެކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.އަދި ހެނދުނު 10:00ގެ ފަހުން ހުށައަޅާ ފޯމުތަކަށް ޕާސްޕޯޓު ދޫކުރާނީ ކުރިންވެސް އޮންނަގޮތަށް ޖެހިގެން އަންނަ ދުވަހުކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.ޕާސްޕޯޓަށް އެދި ފޯމް ހުށައެޅުމާއި، ފޯމް ބަލައިގަނެ ޕާސްޕޯޓް ދޫކުރުމުގެ ތަފާތު މަރުހަލާތަކުގައި 450 އާއި 500 ދެމެދުގެ އަދަދެއްގެ މީހުނަށް ދުވާލެއްގެ މައްޗަށް ޚިދުމަތް ދެމުންދާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި އަމާޒަކީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މި އަދަދު 600އަށް އިތުރު ކުރުންކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.މީގެ އިތުރުން މީހުން އަންނަ މިންވަރު ބެލުމަށްފަހު ޚިދުމަތް ދިނުމަށް ދޫކުރާ ނަންބަރުތަކުގެ އަދަދު އިތުރުކުރާނެ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.އިމިގްރޭޝަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން، އުމުރުން ދުވަސްވީ މީހުންނާއި ބަލިހާލު ހުރިގޮތުން ޕާސްޕޯޓު ހެދުމަށް އިމިގްރޭޝަނަށް ވަޑައިގަތުމަށް އުޒުރުވެރިވާ ފަރާތްތަކަށް ޕާސްޕޯޓު ހެދޭނެ މަގު ފަހިކޮށްދިނުމަށް އެފަދަ މީހުން ދިރިއުޅޭ ގޭގެއަށްގޮސް ޕާސްޕޯޓު ހެދުމުގެ ޚިދުމަތް އިމިގްރޭޝަނުން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.